ދިރާގު ހައިސްޕީޑް ފައިބާ އިންޓަނެޓްގެ ޚިދުމަތާއެކު ދިރާގު ޓީވީގެ ޚިދުމަތް ށ. ފޭދޫގައި ރަސްމީކޮށް އިފްތިތާހްކޮށްފި އެވެ.

ދިރާގުން ބުނީ މި ދެ ޚިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްފައިވަނީ ފޭދޫގެ ރައްޔިތުންނަށް ޚާއްސަ އޮފާތަކަކާ އެކު ކަމަށެވެ. އެގޮތުން، ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކޭޖްއަށް ހުށަހަޅާ ކަސްޓަމަރުންނަށް ހިލޭ ފައިބާ ގުޅައިދިނުމުގެ އިތުރުން ފައިބާ އަށް ބޭނުންވާ ޚާއްސަ ރައުޓަރު ނުވަތަ އޯއެންޓީ ވެސް ހިލޭ ލިބޭނެ ކަމަށެވެ. މިއީ އެންމެ ހަލުވި ސްޕީޑް އާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ޚިޔާރުކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ދިރާގުން ބުނީ ދިރާގު ޓީވީއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ވެސް ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން، ޖޯއިބޮކްސް ވެސް (ޑީކޯޑަރު) މުޅިން ހިލޭ ލިބޭނެ ކަމަށެވެ. އެގޮތުން ފޭދޫގެ ރައްޔިތުންނަށް މިހާރު އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދޭ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 82 ޕަސެންޓަށް މި ޚިދުމަތް ދިރާގުން ފޯރުކޮށްދިންއިރު، މީގެ ތެރޭގައި 82 ރަށެއް ހިމެނެ އެވެ. އަދި 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ޚިދުމަތެވެ. ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ 82 ޕަސެންޓް ރަށަކަށް ދިރާގު ޓީވީގެ ޚިދުމަތް ފޯރުކޮށްދީފައި އެވެ.

"ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމަށް. މިގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ދިރާގުން ކުރިއަށް ގެންދާނެ،" އެ ކުންފުނިން ބުންޏެވެ.