ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް މި އަހަރުގެ ފުރަތަމަ ތިން މަހު ފްލައިޓް އޮޕަރޭޓް ކުރި އަދަދު 43 ޕަސެންޓް އިތުރުވެއްޖެ އެވެ.

ވީއައިއޭ ހިންގާ ކުންފުނި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނީ މި އަހަރުގެ ފުރަތަމަ ކުއާޓަރު- ތިން މަސްދުވަހުގެ ތެރޭގައި ވީއައިއޭ އަށް 15،860 ފްލައިޓް އޮޕަރޭޓްކޮށްފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތުގައި އޮޕަރޭޓްކޮށްފައި ވަނީ 11،000 ފްލައިޓެވެ. ފްލައިޓުގެ އަދަދު މިދިޔަ އަހަރާ އަޅާ ބަލާއިރު ވަނީ 43 ޕަސެންޓް އިތުރުވެފަ އެވެ.

އޮޕަރޭޓްކުރި ފްލައިޓްތަކުގެ އަދަދު

  • ބޭރުގެ އުދުހުންތައް 8،246 ފްލައިޓް
  • އެެތެރޭގެ އުދުހުންތައް 7،614 ފްލައިޓް

އެމްއޭސީއެލް އިން ބުނީ މި އަހަރުގެ ފުރަތަމަ ތިން މަހު 1.36 މިލިއަން މީހުން ވަނީ ވީއައިއޭއިން ހިދުމަތް ދީފަ އެވެ. މިއީ 76 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ހިދުމަތް ހޯދާފައި ވަނީ 774،000 މީހުންނެވެ.

މި ހިސާބުތަކަށް ބަލާއިރު އެންމެ ގިނަ ފްލައިޓް އޮޕަރޭޓްކޮށް މޫވްމެންޓް ހަދާފައިވަނީ ޓޫރިޒަމްގެ މައި ސީޒަންއާ ދިމާކޮށް ޖެނުއަރީ މަހު އެވެ. އެ މަހު 5،690 ފްލައިޓް އޮޕަރޭޓް ކުރި އެވެ. 447،702 މީހަކު ވަނީ ހިދުމަތް ހޯދާފަ އެވެ.

އެމްއޭސީއެލްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ތިން މަހު 15،800 ފްލައިޓް އޮޕަރޭޓްކޮށްފައިވެ އެވެ. މިއީ 43 ޕަސެންޓްގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި އޮޕަރޭޓްކޮށްފައި ވާނީ 11،000 ފްލައިޓެވެ.