އުރީދޫން ރާއްޖޭގެ ކަސްޓަމަރުންނަށް ތަފާތު ޑިޖިޓަލް ތަޖުރިބާތައް ކުރުމުގެ ފުރުސަތު ހޯދައިދިނުމުގެގޮތުން، އޮގްމެންޓެޑް ރިއަލިޓީ (އޭއާރް) ޓެކްނޮލޮޖީއަށް އަހުލުވެރިކުރުމުގެ މަގްސަދުގައި ދުނިޔޭގެ މަޝްހޫރު ކެމެރާ ކުންފުންޏެއް ކަމަށްވާ ސްނެޕްޗެޓާ އެކު ޕާޓްނާޝިޕް އިއުލާނުކޮށްފި އެވެ.

އުރީދޫން ބުނީ މި ޕާޓްނަޝިޕްގެ ދަށުން، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ތަފާތު ސަގާފަތް ދުނިޔޭގެ ކަސްޓަމަރުންނަށް އިޝްތިހާރު ކުރުމަށް ސްނެޕްޗެޓް ލެންސް އަދި ރާއްޖެއަށް ޚާއްސަ ޖިއޯފިލްޓަރެއް ތައާރަފްކޮށްފައިވާ ކަމަށެވެ.

އުރީދޫން މި ފިލްޓަރު އަދި ލެންސް ލޯންޗްކޮށްފައި ވަނީ ރާއްޖެ ޕްރޮމޯޓްކުރުމަށް އުރީދޫއިން ހިންގާ "ވިޒިޓް މޯލްޑިވްސް ނައު" ކެމްޕެއިންގެ އިތުރުން ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ވެސް ގުޅިގެންނެވެ.

ސްނެޕްޗެޓްއަކީ އާއިލާ އާއި ރައްޓެހިންނާ ޑިޖިޓަލްކޮށް ގުޅުން ބަދަހިކޮށްލުމަށް މަޖާ ޕްލެޓްފޯމެކެވެ. އޭއާރް ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަދާފައިވާ މަޖާ އަދި ހިތްގައިމް ފިލްޓަރ އަދި ފްރޭމްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް މަގުބޫލު އެއްޗެކެވެ. އެހެންކަމުން ސްނެޕްޗެޓްގެ މަޖާ އާއި ބޭނުންތެރިކަން ތަޖުރިބާކޮށްލުމަށް، އުރީދޫ މޯލްޑިވްސްއިން ވަނީ ކޮންމެ ދުވަހަކަށް، ހަފްތާއަކަށް، އަދި މުޅި މަހަށް ޚާއްޞަ ސްނެޕްޗެޓް ޑޭޓާ ޕެކްތަކެއްވެސް ތަޢާރަފްކޮށްފަ އެވެ.

އުރީދޫން ސްނެޕްޗެޓާ ގުޅިގެން ދިވެހިވަންތަކަން ދައްކުވައިދޭ ލެންސަކާއި ފިލްޓަރެއް މިއަދު ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އުރީދޫ

މީގެ އިތުރުން އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށް 30 ދުވަހުގެ މުއްދަތަށް ދެ ޖީބީ ޑޭޓާ މުޅިން ހިލޭ ލިބޭ ތިން މަސް ދުވަހުގެ ޕްރޮމޯޝަނެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. ހިލޭ ޑޭޓާ ހޯދުމަށް ކަސްޓަމަރުންނަށް *929*1# އަށް ގުޅައިގެން ނުވަތަ "އެސްއެންޕީއެފް" ޖައްސަވާފަ 5555 އަށް އެސްއެމްއެސް އެއް ފޮނުވާލުމުން އެކްޓިވޭޓް ވެގެންދާނެ އެވެ.

އެ ކުންފުނީގެ ސީއީއޯ ޚާލިދު ޙަސަން އަލް-ހަމާދީ ވިދާޅުވީ މި ޕާޓްނާޝިޕްގެ މަގުސަދަކީ ކަސްޓަމަރުންނަށް އީޖާދީ ތަޖުރިބާތައް ހޯދައިދީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވާ ރައްޔިތުންނާއި ވިޔަފާރިތަށް އޭއާރް ޓެކްނޮލޮޖީއަށް އަހުލުވެރިކުރުވާ، މި ޓެކްނޮލޮޖީގެ ފުރިހަމަ މަންފާހޯދުމަށް ހިތްވަރުދިނުން ކަމަށެވެ.

"ސްނެޕްޗެޓްގެ ކުރިއަރާފައިވާ ޕްލެޓްފޯމް އަދި ޓޫލްސްތައް ބޭނުންކޮށްގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް އަޅުގަނޑުމެން މިއަދު މި އިފްތިތާހު ކުރި އައު އޭއާރް ލެންސާއި ޖިއޯފިލްޓަރު ފަދަ ގޮތްގޮތުން އަޅުގަނޑުމެންގެ ރީތި ގައުމު ދުނިޔޭގެ މުޖުތަމައުތަކަށް އިޝްތިހާރުކޮށް، ޕްރޮމޯޓްކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ސްނެޕްޗެޓްގެ ގްލޯބަލް ކެރިއާ ޕާޓްނަރޝިޕްސް މެނޭޖަރު، ބަޝީރުލް ބޯމެޑައިން ވިދާޅުވީ އެ ކުންފުނި، އަދި އެ ކުންފުނީގެ އެޕްގެ ހާއްސަކަމަކީ އޭއާރް އަދި ކެމެރާ ކަމަށެވެ.

" އަޅުގަނޑުމެން ގަބޫލް ކުރާގޮތުގައި މި ޓެކްނޮލޮޖީ ގެ ސަބަބުން ދިރިއުޅުން ކުރިއެރުވުމަށާއި، ދަސްކުރުމާއި، އެކްސްޕްލޯކުރުމާއި، ވިޔަފާރި ކުރުމާއި، އާޓް ހެދުމާއި، މިނޫންވެސް އެތައް ކަމެއް ކުރުމަށް ހީވެސް ނުކުރާފަދަ ކަންތައްތަކެއް ކުރެވިދާނެ. ސްނެޕްގައި އަޅުގަނޑުމެންގެ ވިސްނުމަކީ އޭއާރްއަކީ މީގެ ކުރިން ދުވަހަކުވެސް ނުދެކޭހާ ފަސޭހަ، ބޭނުންތެރި އަދި ޕްރެކްޓިކަލް އެއްޗަކަށް ހެދުން. އުރީދޫއާއެކު މި ގާއިމް ކުރެވުނު ޕަރޓްނަޝިޕްއާއި އެކު ކަސްޓަމަރުންނަށް އިތުރު ފުރިހަމަ ކަމެއް ގެނައުނަށް އުއްމީދު ކުރަން. މިފަދަ ސްޓްރެޓީޖިކް ޕާޓްނަރޝިޕްތަކުގެ ތެރެއިން އޭއާރ ބޭނުންކުރުމުގެ ޤާބިލުކަން ޑިމޮކްރަޓައިޒްކޮށް ހިދުމަތް ފުޅާވެގެންދިއުމަކީ އަޅުގަނޑުމެންގެ އުއްމީދެއް،" ބޯމެޑައިން ވިދާޅުވި އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރު ފާހަގަކުރާއިރު، އަލަށް ތަޢާރަފްކުރި ފިލްޓަރ އަދި ފްރޭމް ވެގެންދާނީ ރާއްޖެއާއި ރާއްޖޭގެ ސަޤާފަތް އިޝްތިހާރުކުރުމަށް ލިބޭ އިތުރު ފުރިހަމަކަމެއްގެ ގޮތުގައެވެ. "ހެލޯ ފްރޮމް ދަ ސަނީސައިޑް" ޖިއޯފިލްޓަ ފަރުމާކޮށްފައިވަނީ ކަދުރު ރުއްތަކާއި ހުދު ކުލައިގެ ވެލި ގޮނޑުދޮށްތައް ފަދަ ގުދުރަތީ ރީތިކަން ދައްކުވައިދޭ އެލެމެންޓްތައް ހިމަނައިގެން ކަމަށްވާއިރު، ރާއްޖެއަށް ހާއްސަކޮށްފައިވާ އާ އޭއާރް ލެންސްގައި ދައްކުވައިދެނީ ރާއްޖޭގެ އަންހެނުންނާއި ފިރިހެނުންގެ ތަފާތު ސަގާފީ ފޭރާމެވެ.

އޭއާރް ބޭނުންކުރާ މިންވަރު މުޅި ދުނިޔޭގައި ވެސް އިތުރުވަމުން ދާއިރު، ސްނެޕްޗެޓް ގެ ޑޭޓާއަށް ބަލާއިން 6 ބިލިއަނަށް ވުރެ ގިނަ އޭއާރް ލެންސް ބޭނުން ކުރާ ސެންޕްޗެޓަރުން އެބަ ތިއްބެވެ. އަދި ދުވާލަކު 200 މިލިއަނަށް ވުރެ ގިނަ މީހުން އޭއާރް އާ އެކު މުއާމަލާތް ކުރެ އެވެ.

ސްނެޕްޗެޓް އާއެކު އެ ކުންފުނީގެ މި ޕާޓްނަޝިޕްގެ ސަބަބުން ކަސްޓަމަރުންނާއި ވިޔަފާރިތަކަށް އީޖާދީ ކޮންޓެންޓް ތައްޔާރު ކުރުމުގެ ފުރުސަތުތައް ހުޅުވިގެންދާނެ އެވެ. މިފަދަ އިންޓަނޭޝަނަލް ޕާޓްނަޝިޕްތައް މެދުވެރިކޮށް، ތަފާތު އީޖާދީ ޑިޖިޓަލް އުފެއްދުންތަކާއި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ވެސް އުރީދޫން ދެ އެވެ.