އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިސްތިހާރުކުރަން އެމްއެމްޕީއާރުސީން ކެމްޕޭނެއް ފަށައިފި އެވެ.

އެމްއެމްޕީއާރުސީން މިކެމްޕޭން އިންޑިއާގައި ކުރިއަށް ގެންދަނީ އެ ގައުމުގެ އެންމެ ބޮޑު އެއް ޓްރެވެލް އޮޕަރޭޓަރު ތޯމަސް ކުކްއާއެކު އެވެ.

އެމްއެމްޕީއާރުސީން ބުނީ މިކެމްޕޭނުގައި ރާއްޖެއަކީ އިންޑިއާގެ އެކި ފަންތީގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރިއެއް މަންޒިލްގެ ގޮތުގައި އިސްތިހާރުކުރާނެ ކަމަށެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ޕްރޮޑަކްޓްތައް ކަމަށްވާ ރިޒޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑުތަކުގެ މައުލޫމާތާއި، ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ ތަފާތު ތަޖުރިބާތައް ވެސް މާކެޓް ކުރެވޭނެ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުނެ އެވެ.

މީގެ އިތުރުން އެކުންފުނިން ބުނީ ރާއްޖޭގެ ޓްރެވަލް ގައިޑްލައިންތަކާއި، މައުލޫމާތު އިންޑިއާ މާކެޓުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ފަތުރުވެރިންނާ ހިއްސާކުރާނެ ކަމަށެވެ.

ތޯމަސް ކުކްއަކީ ރާއްޖޭގެ ޕެކޭޖުތައް ވެސް އިންޑިއާ މާކެޓަށް އަދި ބައިނަލްއަގްވާމީ ފެންވަރުގައި އެންމެ ފުޅާ ދާއިރާއެއްގައި ވިއްކާ އެއް ކުންފުންޏެވެ.

މި ކެމްޕެއިންގެ ދަށުން ތޯމަސް ކުކްއިން ޕްރިންޓް، ޑިޖިޓަލް އަދި އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ރާއްޖެއިން ލިބެން ހުންނަ ފަތުރުވެރިކަމުގެ ތަފާތު ހިދުމަތްތަކާއި، ސެގްމެންޓުތަކުގެ މައުލޫމާތު އިންޑިއާ މާކެޓުގެ ފަތުރުވެރިންނާ ހަމައަށް ފޯރުކޮށްދެވޭނެ އެވެ.

މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ އިންޑިއާއިންނެވެ.

މިއަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް 59،404 ފަތުރުވެރިން އައިސް އިންޑިއާ ހިމެނެނީ ރާއްޖެއަށް ދެ ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމުގެ ގޮތުގަ އެވެ.