ރާއްޖޭގެ އެންމެ ބޮޑު އެއް ހޮޓެލް ޗެއިން، އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސް އިން ހިންގާ ދެ ރިސޯޓަކަށް މުވައްޒަފުން ހޯދަން ހާއްސަ ޙަރަކާތެއް ބާއްވަން ނިންމައިފި އެވެ.

އެ ކުންފުނިން ރާއްޖޭގައި އަލަށް ތަރައްގީކުރާ ދެ ރިސޯޓު ހުޅުވަނީ ކަލާސް އޮފް އޯބްލޫ ބްރޭންޑުގެ ދެ ރިސޯޓެވެ. އޭގެ ތެރެއިން އޯބުލޫ ސިލެކްޓް ލޯބިގިލި ވަނީ މިދިޔަ މަހު ހުޅުވައިފަ އެވެ. އަދި އޯބުލޫ އެކްސްޕީރިއެސް އައިލާފުށި ހުޅުވަން އަންނަނީ ތައްޔާރުވަމުންނެވެ. އެ ދެ ރިސޯޓަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް މާދަމާ އާއި މެއި މަހުގެ 8 ވަނަ ދުވަހު މާގިރި ހޮޓެލްގައި ރެކްރޫޓުމަންޓް ޑޭއެއް ބާއްވަން ވަނީ ނިންމާފަ އެވެ.

އެޓްމޮސްފިއާ ހޮޓެލްސް އިން ވުނީ މި ހަރަކާތުގައި އެ ދެ ރިސޯޓުގެ މެނޭޖްމަންޓު ޓީމުތަކުން ބައިވެރިވާނެ ކަމަށެވެ. އަދި ރިސޯޓުގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ބެހޭ ގޮތުން މައުލޫމާތުދޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި ޙަރާކާތުގެ އެންމެބޮޑު ބޭނުމަކީ ދިވެހި ޒުވާނުން މިދާއިރާއަށް ވަނުމަށް ހިތްވަރު ދިނުން ކަމަށްވެސް އެޓްމޮސްފިއާ އިން ބުނެ އެވެ.

މާލެ އަތޮޅުގައި ތަރައްގީކޮށްފައިވާ އޯބުލޫ ސިލެކްޓް ލޯބިގިލި ހުޅުވާފައި ވަނީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. ފަސް ތަރީގެ މި ހޮޓަލުގައި 68 ބީޗު، ވޯޓާ ވިލާ ހުރެ އެވެ.

އޯބްލޫ އެކްސްޕީރިއެންސް އާއިލާފުއްޓަކީ ވެސް މާލެ އަތޮޅުގައި ތަރައްގީކޮށްފައިވާ ރިސޯޓެކެވެ. އެ ރިސޯޓު ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތެރޭގަ އެވެ. އެ ރިސޯޓުގައި ތަފާތު 4 ކެޓަގަރީއެއްގެ 268 ވިލާ ހުރެ އެވެ.

ލޯބިގިލިއަކީ އެ ނަމާ އެއްގޮތަށް ލޯބިވެރިންނަށް ހާއްސަ ރިސޯޓެކެވެ. މި ރިސޯޓަށް ދެވޭނީ ހަމައެކަނި ލޯބިވެރިންނަށް ކަމަށް ވާއިރު، އެ ތަން ހަދާފައިވަނީ ރޮމޭންޓިކް އިހުސާސް ގެނައުވައިދޭ ގޮތަކަށެވެ.

އާއިލާފުއްޓަކީ ރާއްޖޭގެ ރަށެއްގެ ސްޓޭއެއްގެ އިހުސާސް އެންމެ ފުރިހަމަ ގޮތުގައި ގެނުވައިދޭ ގޮތަށް ހަދާފައިވާ ރިސޯޓެކެވެ. މި ރިސޯޓުގައި ސްމާޓް ޓެކްނޮލޮޖީ ބޭނުންކޮށްފައިވާއިރު އާއިލާއާއެކު ނުވަތަ "ވޯކްކޭޝަން" އަށް ރާއްޖެ އަންނަ މީހުންނަށް މި ރިސޯޓު ކަމުދާނެ އެވެ.

ދިވެހި ވިޔަފާރިވެރިންތަކަކާއި އިންޑިއާގެ ވިޔަފާރިއަކު ހިއްސާވެގެން އުފައްދާފައިވާ އެޓްމޮސްފިއާއިން މިހާރު ވެސް އަންނަނީ ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓުތައް ހިންގަމުންނެވެ، އޭގެ ތެރޭގައި ޅ. އަތޮޅުގައި އޮންނަ އެޓްމޮސްފިއާ ކަނިފުށި ރިސޯޓާއި، ކ. އޯޒެން ރިޒާވް ބޮލިފުށި އާއި އޯބްލޫ ސިލެކްޓް ސަންގެލި، އޯބްލޫ ނޭޗާ ހެލެނގެލި، ވަރު ބައި އެޓްމޮސްފިއާ، އޮޒެން ބައި އެޓްމޮސްފިއާ އެޓް މާދޫ ހިމެނެ އެވެ.