އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 3.50 ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން އެ ކުންފުނީގެ ބޯޑުން ފާސްކޮށްފި އެވެ.

އެމްޓީސީސީއަށް ލިބުނު ފައިދާއިން ހިއްސާއަކަށް 3.50 ރުފިޔާ ގެ މަގުން ޖުމްލަ 28 މިލިއަން ރުފިޔާ ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން އެ ކުންފުނީގެ ބޯޑުން ފާސްކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާގަ އެވެ.

އެމްޓީސީސީން ބުނީ ހިއްސާގެ ފައިސާ ލިބޭނީ މި މަހުގެ 18ގެ ނިޔަލަށް ކުންފުނީގެ ރަޖިސްޓްރީގައި ހިމެނޭ ހިއްސާދާރުންނަށް ކަމަށެވެ. ނަމަވެސް، އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

އެމްޓީސީސީއަށް 2020ގައި ފައިދާގެ ގޮތުގައި 190.69 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެ އަހަރު ލިބުނު ފައިދާއިން އެމްޓީސީސީން ހިއްސާއަކަށް ބަހާފައިވަނީ 3 ރުފިޔާ އެވެ.

މިދިޔަ އަހަރު 224 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާއިރު އެ ކުންފުނިން މިހާރު ވަނީ މި އަހަރު 300 މިލިއަން ރުފިޔާގެ ފައިދާ ލިބޭނެ ކަމަށް އަންދާޒާކޮށްފަ އެވެ.