މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ބައި މިލިއަން އަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 531،019 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. އެ މުއްދަތުގައި މިދިޔަ އަހަރު އައިސްފައި ވަނީ 362،782 ޓޫރިސްޓުންނެވެ. އެހެންކަމުން އެއީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 46 ޕަސެންޓުގެ އިތުރުވުމެކެވެ.

މިމަހުގެ 20ގެ ނިޔަލަށް 99،508 ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވާއިރު، މިދިޔަ މަހުގެ އެ މުއްދަތުގައި އައިސްފައިވަނީ 64،212 ޓޫރިސްޓުންނެވެ. އެހެންކަމުން، މި އޭޕްރީލް މަހު އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ އޭޕްރިލް މަހަށް ވުރެ 55 ޕަސެންޓް އިތުރެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަނީ ވެސް އިނގިރޭސިވިލާތުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް އިނގިރޭސިވިލާތުން ރާއްޖެއަށް ވަނީ 69،808 ޓޫރިސްޓުން އައިސްފަ އެވެ.

ރާއްޖެއަށް މިހާރު ދެވަނައަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަނީ އަވަށްޓެރި އިންޑިއާއިންނެވެ. އެގޮތުން އިންޑިއާއިން މިހާތަނަށް 59،404 ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވެ އެވެ.

މިހާރު 27 އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށާފައިވާއިރު، 973 ޓޫރިސްޓް ފެސިލިޓީއަކުން އަންނަނީ ހިދުމަތް ދެމުންނެވެ.