ބ. ދަރަވަންދޫގެ ނަރުދަމާ ނިޒާމުގެ ހޮޅިވަޅުލުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޑަބްލިޔުއެސްސީއިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ ދަރަވަންދޫގެ ނަރުދަމާ ނިޒާމް ގާއިމުކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިހާރު ކުރިޔަށްދަނީ ނަރުދަމާ ނިޒާމްގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމުގެ މަސައްކަތް ކަމަށް ވެސް އެމްޑަބްލިޔުއެސްސީއިން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން ދަރަވަންދޫގައި 9.54 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމްކުރުމާއި، 780 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، 3 ޕަންޕިން ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ގާއިމްކުރުން ހިމެނެ އެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެ އެވެ. މީގެ އިތުރުން މިމަޝްރޫއުގެ ދަށުން ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް ފޯރުކޮށްދިނުމަށް ވެސް ހަމަޖެހިފައިވެ އެވެ.

ދަރަވަންދޫގެ ނަރުދަމާގެ މަޝްރޫއަކީ ދަޢުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 40.29 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް ނިމުމުން ދަރަވަންދޫގެ ރައްޔިތުންނަށް ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީއިން ބުނެ އެވެ.