ރަޝިއާގެ ގައުމީ އެއާލައިން އެއިރޯ ފްލޮޓްގެ ދަތުރުތައް އަންނަ މަހު އަލުން ރާއްޖެއަށް ފެށުމަށް ނިންމައިފި އެވެ.

އެއިރޯފްލޮޓުގެ ބައިނަލްއަގުވާމީ ދަތުރުތަކެއް އަވަށްޓެރި ބެލަރުސް ފިޔަވައި، ހުރިހާ ގައުމަކަށް މިދިޔަ މަހުގެ ކުރީގެ ކޮޅު ހުއްޓާލަން ނިންމީ ޔުކްރެއިންގެ ހަނގުރާމައާ ގުޅިގެން އެ ގައުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އެ އެއާލައިންގެ އޮޕަރޭޝަންތަކަށް ކުރިމަތިވި "ކަންތައްތަކެއްގެ" ސަބަބުނެވެ.

ރަޝިޔާ އަކީ ފަހަކަށް އައިސް ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމު ވެސް މެ އެވެ. އެކަމަކު، އެއިރޯ ފްލޮޓް ހުއްޓާލުމާ އެކު އެ ގައުމުގެ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސް ރާއްޖޭގެ ޓޫރިޒަމްގެ ލިސްޓްގެ ތިން ވަނަ އަށް މިހާރު އޮތީ ވެއްޓިފަ އެވެ.

ރަޝިޔާގެ ވައިގެ ދަތުރުފަތުރާ ބެހޭ އޮތޯރިޓީން ރާއްޖޭގެ ސިވިލް އޭވިއޭޝަނަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އެއިރޯ ފްލޮޓްގެ ދަތުރުތައް އަންނަ މަހުގެ 13 އިން ފެށިގެން އަލުން ފަށާނެ ކަމަށެވެ.

ދަތުރުތައް ފަށާނެ ކަމުގެ ޔަގީންކަން ރާއްޖެ އަށް ދިނުމުގެ ކުރިން، ރަޝިޔާގެ ބޯޓުފަހަރަށް ރާއްޖެ އިން ހިދުމަތް ދޭނެ ކަމުގެ ޔަގީން ކަމަށް އެދި ސިޓީއެއް ވެސް ވަނީ ފޮނުވައިފަ އެވެ. އެ ޔަގީންކަން ރާއްޖޭގެ ސިވިލް އޭވިއޭޝަނުން މިހާރު ވަނީ ދީފަ އެވެ.

މީގެ ކުރިން ޓޫރިޒަމް މިނިސްޓަރު މައުސޫމް ވިދާޅުވީ ޔޫކުރެއިން ހަނގުރާމައާ ހެދި ރަޝިއާއިން އަންނަ ޓޫރިސްޓުންގެ އަދަދު ގާތްގަނޑަކަށް 70 ޕަސެންޓް ދަށްވެފައިވާ ކަމަށެވެ.

ޔޫކްރެއިން ހަނގުރާމައިގެ ކުރިން ރަޝިޔާ އަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ. އެހެން ނަމަވެސް މިހާރު ރަޝީޔާއަކީ ރާއްޖެއަށް ތިން ވަނަ އަށް އެންމެ ގިނަ ތޫރިސްޓުން އަންނަ ގައުމެވެ.

ރަޝިޔާއިން މި އަހަރުގެ މިހާތަނަށް 54،624 މީހުން ރާއްޖެ އައިސްފަ އެވެ.