ޖަރުމަނުގެ އެއާލައިނެއް ކަމަށްވާ ޔޫރޯ ވިންގްސްގެ ދަތުރުތައް ރާއްޖެއަށް މިއަދު ފަށައިފި އެވެ.

ރާއްޖެއަށް ޔޫރަޕުން އެންމެ ގިނަ ޓޫރިސްޓުން އަންނަ އެއް ގައުމުގެ އެއާލައިންގެ ދަތުރުތައް މި ފެށީ ރަޝިއާ އާއި ޔޫކްރެއިން ހަނގުރާމައާ ގުޅިގެން އެ ދެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ ޔޫރޯ ވިންގްސް އިން ހަފުތާއަކު ތިން ދުވަހު ރާއްޖެއަށް ދަތުރުކުރާނެ ކަމަށެވެ.

ޖަރުމަނުގެ ޔޫރޯ ވިންގްސްގެ މަތިންދާބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ޖައްސާފައި. ފޮޓޯ: އެމްއޭސީއެލް

ޔޫރޯ ވިންގްސް ދަތުރުކުރާނީ ޖަރުމަނުގެ ފްރެންކްފަޓުން މާލެއަށެވެ.

އެ އެއާލައިންގެ ދަތުރުތައް ފެށުމުގެ ގޮތުން މިއަދު ރާއްޖެ އައި ބޯޓަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. އެގޮތުން އެ ބޯޓު ވީއައިއޭގައި ޖެއްސުމުން ވޯޓާ ސެލިއުޓެއް ދީފައިވެ އެވެ.

ޖަރުމަނުގެ ޔޫރޯ ވިންގްސްގެ މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ޖެއްސުމުން ވޯޓާ ސެލިއުޓެއް ދެނީ. ފޮޓޯ: އެމްއޭސީއެލް

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ޖަރުމަނުން 47،287 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. އެއީ ރާއްޖެ އައި ޓޫރިސްޓުންގެ 8.9 ޕަސެންޓެވެ.