ބައެއް ކުންފުނިތަކުގައި ނަމުގަ އާއި އަދި ޝަޚްސު އޮޅުވާލައިގެން ނަންނަމުގައި ފޯނުން ގުޅައިގެން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުވައި މަކަރާއި ހީލަތުން ފައިސާ ހޯދާކަމުގެ ޝަކުވާތައް އަނެއްކާ ވެސް އިތުރުވަމުން އަންނަ އަދަދު މިވަނީ އިތުރުވެފަ އެވެ.

މިގޮތުން ސޯޝަލް މީޑިއާ އެކައުންޓްތަކުގެ އެކްސެސް ހޯދައި، ރައްޓެހިންނަށް މެސެޖްކޮށް އެ އެކައުންޓް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދާކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުންޏެވެ.

މި ކޯލްތަކުގައި ކަސްޓަމަރުންނަށް އޮޅުވާލުމުގެ ގޮތުން ވާހަކަދައްކަނީ ވަރަށް ވެސް ގަބޫލުކުރެވޭ ފަދަ ގޮތަކަށެވެ. އަދި މީގެ އިތުރުން ބޭންކާއި ބަައެއް އެހެން ކުންފުނިތަކުގެ ނަމުގައި ގުޅައިގެން ކަސްޓަމަރުންގެ ޒާތީ މައުލޫމާތާއި ބޭންކިންއާ ގުޅޭ މައުލޫމާތު ހޯދައި އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެކައުންޓުން މުއާމަލާތްކޮށްފައިވާކަމުގެ ޝަކުވާ ކަސްޓަމަރުން ވަނީ ބޭންކަށް ހުށަހަޅާފަ އެވެ. މިފަދަ ހާލަތްތަކުގައި އޯޓީޕީ ހިއްސާކޮށްފައިވާކަން ވެސް ބޭންކަށް ވަނީ ފާހަގަކުރެވިފަ އެވެ.

މިގޮތަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ ފުރުސަތު އެ ފަރާތްތަކަށް ނުދިނުމުގެ ގޮތުން، ސައްހަކަން ކަށަވަރު ނުކުރެވޭ ފަރާތްތަކަށް ފައިސާގެ މުއާމަލާތްކުރުމުގައި އިތުރަށް ސަމާލުވުމަށް އެ ބޭންކުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ނުދަންނަ ފަރާތްތަކުން ގުޅައި ފައިސާ ފޮނުވައި ދިނުމަށް އެދި ކުރާ ކޯލްތަކަށް ޖަވާބު ނުދެއްވުމަށް ވެސް ބީއެމްއެލް އިން އެދެ މެވެ. އަދި އެކި ނަންނަމުގައި ކުރާ ފޯނު ކޯލުތައް މެދުވެރިކޮށް ކަސްޓަމަރުންގެ ޒާތީ މައުލޫމާތާއި ބޭންކް އެކައުންޓް، އިންޓަރނެޓް ބޭންކިންގ އަދި ކާޑުގެ އެއްވެސް މައުލޫމާތެއްގެ އިތުރުން އޯޓީޕީ ހިއްސާ ނުކުރެއްވުމަށް ވެސް ބޭންކުން އެދެ އެވެ.

ރާއްޖެ އާއި ރާއްޖޭން ބޭރުގައި ވެސް އޮޅުވާލައިގެން ފައިސާ ހޯދާ ފަރާތްތަކުން ދަނީ އެކި ގޮަތްގޮަތަށް އެކި އުކުޅުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުންނެވެ.

"އެހެންކަމުން ސައްހަކަން ކަށަވަރު ނުކުރެވޭ ފަރާތްތަކާ އެކު ފައިސާ މުއާމަލާތްކުރުމުގައި އިތުރަށް ސަމާލުވުމަށް ދަންނަވަމެވެ. އަދި މިދަނޑިވަޅުގައި ވީހާވެސް ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތްތައް ހިންގުމަށް ކަސްޓަމަރުންނަށް އިލްތިމާސްކުރަމެވެ." ބީއެމްއެލް އިން ބުންޏެވެ.