މި ރޯދަމަހު ރާއްޖެ އެތެރެކުރި ކާބޯތަކެތީގެ އަދަދު ފާއިތުވި ތިން އަހަރުގެ ރޯދަމަހާ އަޅާ ބަލާއިރު، ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން މިއަދު ބުނެފި އެވެ.

އެ ކުންފުނިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މިރޯދަ މަހު އެކުންފުނީގެ މަގުސަދަކަށްވީ ކާބޯތަކެތީގެ ބާވަތްތައް ވީހާވެސް އަވަހަށް ކްލިއާކުރުން ކަމަށެވެ. އެ ގޮތުން މި މަގުސަދު ހާސިލްކުރުމަށްޓަކައި ޕޯޓުގެ މަސައްކަތްތަކަށް ވެސް ބަދަލުތަކެއް ގެނެސްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިދިޔަ ތިން ހަފްތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވަރަށް ރަނގަޅަށް މަސައްކަތްކުރެވިފައިހުރީ، އެއްވެސް ކަހަލަ ދަތިކަމެއް ނެތި. ގެނެވުނު ހުރިހާ ޝިޕްމަންޓުތަކެއް ބޭރުކުރެވި، ބާޒާރާ ހަމައަށް ފޯރުކޮށްދެވިފައި މިނީ،" ޝާހިދު ވިދާޅުވި އެވެ.

މިދިޔަ ތިން ހަފްތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވަރަށް ރަނގަޅަށް މަސައްކަތްކުރެވިފައިހުރީ، އެއްވެސް ކަހަލަ ދަތިކަމެއް ނެތި. ގެނެވުނު ހުރިހާ ޝިޕްމަންޓުތަކެއް ބޭރުކުރެވި، ބާޒާރާ ހަމައަށް ފޯރުކޮށްދެވިފައި މިނީ،

އޭނާ ވިދާޅުވީ މި ރޯދަމަހު އެ ކުންފުނީގެ މަގުސަދަކަށްވީ ކާބޯތަކެތީގެ ބާވަތްތައް ވީހާ ވެސް އަވަހަށް ކުލިއަކޮށް ބާޒާރާ ހަމައަށް ނެރެވޭނެ ގޮތަކަށް ޕޯޓްގެ މަސައްކަތް ބައްޓަންކުރުން ކަމަށެވެ.

''އަޅުގަނޑުމެންގެ މަގުސަދަކަށްވީ މި ރޯދަމަހު ގެނެވޭ ކާބޯތަކެތީގެ ބާވަތްތައް ވީހާވެސް އަވަހަށް ބަނދަރުން ބޯޓު އައުމާ އެކު ބޭލި، އެ ތަކެތި ކުލިއާ ކުރެވިގެން ބާޒާރާ ހަމައަށް ނެރެވިގެންދާނެ ގޮތަކަށް ޕޯޓްގެ މަސައްކަތް ބައްޓަންކޮށްގެން ކުރިއަށް ގެންދިއުން،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ މިދިޔަ ތިން ހަފުތާގެ ތަފާސްހިސާބުތަކަށް ބަލާއިރު އެއްވެސް ކަހަލަ ދަތިކަމެއް ނެތި ވަރަށް ރަނގަޅަށް މަސައްކަތް ކުރެވިފައިވާ ކަމަށެވެ. ރޯދަމަހަށް ގެނައި ހުރިހާ ޝިޕްމަންޓެއް ބޭރުކޮށް ބާޒާރާ ހަމައަށް ފޯރުކޮށްދެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ މައިގަނޑު ގޮތެއްގައި މިދިޔަ ތިން އަހަރާ އަޅާބަލާއިރު މި އަހަރު ކާބޯތަކެތި އެތެރެކުރެވުނު އަދަދު ވަރަށް ބޮޑަށް އިތުރު ކަމަށެވެ.

''މިދިޔަ ތިން އަހަރާ އަޅާ ބަލާއިރު މި އަހަރު އިމްޕޯޓުކުރެވިފަ ހުރި އަދަދު, މި ތިން ހަފުތާގެ ޖުމްލައަށް ބަލާއިރު މިހާރު ވެސް މިވަނީ ބޮޑުވެފަ. ދެން ކޮންޓެއިނާ ކާގޯއަށް ބަލާއިރު ވެސް ދެހާސްވިހި އެކާވީހަށް ވުރެ 2022 ގެ މި ތިން ހަފުތާގެ އިމްޕޯޓްސް މިވަނީ އިތުރުވެފައި. އެހެންނަމަވެސް 2019 އާއި އަޅާބަލާއިރު ކުޑަކުޑަ ތަންކޮޅެއް ދަށްވެދާނެ. އެހެންނަމަވެސް ރޯދަމަސް ނިމޭއިރު ތަފާސްހިސާބުތައް ހެދީމަ ޖުމްލަކޮށް ހަމަ 2019 އާ ވެސް ކައިރި ކުރާ އަދަދަކަށް،" އޭނާ ވިދާޅުވި އެވެ.

އެމްޕީއެލްގެ ޗީފް އޮޕަރޭޝަންސް އޮފިސަރު މުހައްމަދު މަސީހު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. ފޮޓޯ: އެމްޕީއެލް

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ޗީފް އޮޕަރޭޝަންސް އޮފިސަރު މުހައްމަދު މަސީހު ވިދާޅުވީ ފާއިތުވި ތިން ހަފްތާގައި ބަނދަރުގެ މަސައްކަތް ކުރިއަށްގޮސްފައިވަނީ ވަރަށް ބާރުބޮޑުކޮށް ކަމަށެެވެ.

"ދުވާލަކު ކަހަލަ ގޮތަކަށް ބޯޓެއް ކޯލްކޮށްފައި އެބަހުރި. ކޮންޓެއިނަރަށް ބަލާއިރު، ކޮންމެ ތިން ދުވަހުން އެއް ދުވަހު ބޯޓެއް ކޯލްކޮށްފައި އެބަހުރި. 2019އަށް ބަލާއިރު ޕެރިޝަބަލް އައިޓަމް ގިނަ މި އަހަރު،" މަސީހު ވިދާޅުވި އެވެ.