ސްޓީއޯ ޕީޕަލްސް ޗޮއިސްއިން ބާޒާރުކުރާއިރު ފޮތި ކޮތަޅު ބޭނުންކޮށްގެން ހަދިޔާ ލިބޭ ކެންޕޭނެއް ލޯންޗްކޮށްފި އެވެ.

"ޕްލާސްޓިކް ނޫން ގޮތެއް ރިވާޑްސް"ގެ ނަމުގައި މި ކެންޕެއިން ފަށާފައިވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެސްޓީއޯއިން ބުނީ މި ކެމްޕެއިންގެ މައިގަނޑު މަގުސަދަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ކޮތަޅު މަދުކުރުމަށް ބާޒާރުކުރުމަށް ފޮތިކޮތަޅު ބޭނުންކުރުން އާދަކުރުން ކަމަށެވެ.

މިއީ ޕްލާސްޓިކް ނޫން ގޮތެއް މި ކެންޕެއިންގެ ދަށުން މޯލްޑިވްސް އޮތެންޓިކް ކްރާފްސްޓް ކޯޕަރޭޓިވް ސޮސައިޓީ، ޖީއީއެފް ސްމޯލް ގްރާންޓްސް ޕްރޮގްރާމް ފަންޑިންގެ ދަށުން، ޔޫއެންޑީޕީގެ އެހީތެރިކަމާއިއެކު ހިންގާ ހަރަކާތެކެވެ. މި ހަރަކާތުގައި އެސްޓީއޯ އަދި ދިރާގުން ވަނީ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެފަ އެވެ.

"ޕްލާސްޓިކް ނޫން ގޮތެއް ރިވާޑްސް"ގެ ނަމުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ފެށި ކެމްޕޭން ލޯންޗްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ އެމްޑީ އަމްރު ވާހަކަދައްކަވަނީ. ފޮޓޯ: އެސްޓީއޯ

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ، ޕްލާސްޓިކް ނޫންގޮތެއް ހޯދަން ޖެހިފައިވާ ކަމަށެވެ.

މި ކެންޕެއިންގައި ބައިވެރިވުމަކީ އެސްޓީއޯއަށް ލިބޭ ވަރަށް ބޮޑު އުފަލެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

އަމްރު ވިދާޅުވީ އެސްޓީއޯއިން މިދިޔަ އަހަރު ވެސް ޕްލާސްޓިކާ ދެކޮޅަށް ކުރާ މަސައްކަތުގެ ދަށުން އެ ކުންފުނީގެ ހުރިހާ ފާމަސީތަކެއްގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލާފައިވާ ކަމަށެވެ. މިއާއެކު އަހަރެއްގެ މައްޗަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅުގެ އެއް މިލިއަން ކޮތަޅު ސަލާމަތް ކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރުމުން އެ އަދަދު ދެ މިލިއަނަށް އަރާނެކަން އަމްރު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަނީ އަޅުގަނޑުމެންގެ ވަށައިގެންވާ އެންވަޔަރަމަންޓާއިއެކީގައި މަސައްކަތް ކުރެވޭތޯ. އަޅުގަނޑުމެން މިދިޔަ އަހަރު އިނީޝިއޭޓިވްއެއް ނެގިން އަޅުގަނޑުމެންގެ 189 ފާމަސީގައި، އަޅުގަނޑުމެންގެ ހުރިހާ ފާމަސީއެއްގައި ޕްލާސްޓިކް ކޮތަޅު ހުއްޓާލަން،" އޭނާ ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލުމުން އަހަރަކު އެއް މިލިއަން ކޮތަޅު ސަލާމަތް ކުރެވިފައިވާ ކަމަށެވެ. އަދި އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ވެސް އަހަރަކު އެއް މިލިއަން ކޮތަޅު ބޭނުންކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑުމެން ޕްލާސްޓިކް ބޭގްސް މި ދެ ތަނުން ހުއްޓާލިއަސް އެއީ އަހަރަކު ދެ މިލިއަން ޕްލާސްޓިކް ކޮތަޅު އަޅުގަނޑުމެންނަށް ރާއްޖެއަށް އެތެރެކުރުން އެ މަދުކުރެވުނީ." އަމްރު ވިދާޅުވި އެވެ.

މި ހަރަކާތް ފެށުމާއި ގުޅިގެން 500 ފޮތި ކޮތަޅު ހިލޭ ބެހުމަށް ވަނީ ހަމަޖެހިފަ އެވެ. މި ފޮތި ކޮތަޅުތަކުގައި އެންއެފްސީ ޗިޕްއެއް ވަނީ ހަރުކޮށްފަ އެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން މި ކޮތަޅު ބޭނުންކޮށްގެން ވިޔަފާރިކުރުމުން މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ކަސްޓަމަރުންނަށް ޕޮއިންޓްސް ލިބޭނެ އެވެ. އަދި ވަކި ވަރަކަށް ވިޔަފާރިކުރުމުން ލިބޭ ޕޮއިންޓްތައް ބަދަލުވެގެންދާނީ ރިވާޑްސް ނުވަތަ ހަދިޔާ އަށެވެ.

އެ ހަދިޔާ ލިބޭނީ ދިރާގު ޑާޓާ، އަދި އެސްޓީއޯއިން 100 ރުފިޔާއާއި 500 ރުފިޔާއާ ދެމެދުގެ ފައިސާގެ ތަކެއްޗެވެ.