އަންނަ ހޮނިހިރު ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗްތަައް ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން މިއަދު ބުނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމާފައިވާ ގޮތަށް މިމަހުގެ 30 ވާ ހޮނިހިރު ދުވަހު އެ ބޭންކް ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން މެންދުރު 12:00 އަށެވެ. އަދި އީދު ބަންދާ ގުޅިގެން 1 މޭ އިން 7 މޭ ގެ ނިޔަލަށް ބޭންކު ބަންދުވާނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

އެ ބޭންކުން ބުނިގޮތުގައި 30 ވަނަ ދުވަހުގެ 11:00 ގެ ކުރިން ޖަމާކުރާ ޗެކްތަކާއި، ޕޭރޯލް ރިކުއެސްޓް، އަދި ފައިސާ ފޮނުވުމަށް އެދި ހުށަހަޅާ ހުށަހެޅުން (ޓީޓީ އާއި ލޯކަލް ޓްރާންސްފާ ހިމެނޭހެން) އެ ދުވަހު ޕްރޮސެސްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި 11:00 ގެ ފަހުން ލިބޭ ރިކުއެސްޓް އަދި ޗެކް ޕްރޮސެސްކުރާނީ ދެން ބޭންކު ހުޅުވޭ ދުވަހަކު ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.

"އަޅުގަނޑުމެން އެދެނީ ކަސްޓަަމަރުން ހިދުމަތް ހޯދުމުގައި ދަތިތަކެއް ދިމާނުވާނެހެން ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ހިދުމަތްތައްތަކަށް އެދި ހުށަހެޅުއްވުމެވެ." އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނިގޮތުގައި އެ ދުވަސްތަކުގައި ބޭންކްގެ ބްރާންޗްތައް ބަންދުވި ނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ އެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިން ހިދުމަތްތައް ވެސް އީދު ބަންދުގެ ދުވަސްތަކުގައި ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.

"އަޅުގަނޑުމެން އެދެނީ އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް އެޕް މެދުވެރިކޮށް ކަސްޓަމަރުން ބޭންކިންގ ހިދުމަތްތައް ހޯއްދެވުމެވެ." ބީއެމްއެލް އިން ބުންޏެވެ.