ލޯފަން މީހުންގެ ހައްގުތައް ހިމާޔަތް ކުރާ ޖަމިއްޔާ ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް)އަށް ދިރާގުން އިތުރު ލުއިފަސޭހަތަކެއް ހަމަޖައްސައިދީފި އެވެ.

ބީވީއައިއެސްއެމްއަކީ ތަފާތު ގިނަ ހަރަކާތްތައް ބާއްވަމުން އަންނަ ޖަމިއްޔާއެކެވެ. ދާދި ފަހުން މި ޖަމިއްޔާއިން ވަނީ ކަލަބް ހައުސް ގައިވެސް ހަރަކާތްރެރިވަން ފަށައިފަ އެވެ. އެގޮތުން ކުރިޔަށް އޮތް މަހުގެ ތެރޭގައި ވެސް ގުރުއާން މުބާރާތާއި، ދިނީ ހަރަކާތްތައް އަދި ތަފާތު ތަމްރީނު ޕްރޮގްރާމްތައް ބެއްވުމަށް އެ ޖަމިއްޔާއިން އަންނަނީ ރާވަމުންނެވެ. މިކަމަށް ހިތްވަރު ދިނުމުގެ ގޮތުން ދިރާގުން އެ ޖަމިއްޔާގެ މެންބަރުންނަށް ހިލޭ މޮބައިލް ޑޭޓާ ދިނުމަށްވަނީ ނިންމާފަ އެވެ.

މީގެ އިތުރުން ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ލޯފަން މީހުންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ ބީވީއައިއެސްއެމްއަށް ފޯރުކޮށްދޭ ހާއްސަ ޑިޖިޓަލް މުވާސަލާތީ ހިދުމަތް ކަމަށްވާ "ފޯންމީޓިން 130" އައުކޮށް ކުރިއަށްގެންދިއުމަށް ވެސް ނިންމާފައިވާ ކަމަށް ދިރާގުން ބުނެ އެވެ.

"މި ޚިދުމަތަކީ ދިރާގުން އެ ޖަމިއްޔާ އަށް ހާއްސަކޮށްގެން ފަރުމާ ކޮށްފައިވާ ޚިދުމަތްތަކެވެ. އެހެނިހެން އިޖްތިމާއީ ޖަމިއްޔާތައް ހިންގުމުގައި މެދުވެރިނުވާ ގިނަ ގޮންޖެހުންތައް ބީވީއައިއެސްއެމް އަށް ދިމާވެ އެވެ. ޖަލްސާތައް ބާއްވަން ނުވަތަ އެންމެން އެއްތަނަކަށް އެއްކޮށްގެން މީޓިން ބޭއްވުމަކީ ފަސޭހަ ކަމަކަށް ނުވެ އެވެ. ދިރާގުން މި ޚިދުމަތް ހިލޭ ފޯރުކޮށްދިނުމުން، ފަސޭހަކަމާއިއެކު ޖަމިއްޔާ ހިންގުމުގެ ކަންތައްތައް ކުރިއަށް ގެންދެވެ އެވެ. އަދި މިޚިދުމަތް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބޭ ޖަމިއްޔާގެ ހުރިހާ މެންބަރުންނަށް ޖަލްސާތައް ބޭއްވުމަށް ފަސޭހަވެ، މެންބަރުންގެ މެދުގައި އެކުވެރިކަމާއި ގުޅުން ބަދަހިކުރުމަށް ވަރަށް ބޮޑު އެހީއަކަށް ވެގެން ދެއެވެ." ދިރާގުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނިގޮތުގައި މި ހިދުމަތް މެދުވެރިކޮށް މަދަހަ މުބާރާތްތަކާއި، ގުރުއާން ކިޔަވައިދިނުމާއި ދީނީ ނަސޭހަތް ދިނުން ފަދަ ޕްރޮގުރާމްތައް ހިމެނެ އެވެ. އެގޮތުން ޖަމިއްޔާގެ މެންބަރުންގެ މެދުގައި ހިންގޭ މިފަދަ ތަފާތު ތަމްރީނު ޕްރޮގްރާމްތަކާއި ތައުލީމީ ޕްރޮގުރާމްތައް ކުރިއަށް ގެންދިއުމަށް ބީވީއައިއެސްއެމް އިން އެ ހިދުމަތް ބޭނުންކުރާ ކަމަށް ދިރާގުން ބުންޏެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ބީވީއައިއެސްއެމް އިން ވަނީ މި ޚިދުމަތް މެދުވެރިކޮށް ހިސާބު، ލެޓިން، އަރަބި އަދި ގުރުއާން ވެސް ހިމެނޭ ގޮތަށް ކްލާސްތައް ކުރިއަށް ގެންގޮސްފައި އެވެ.

"ދިރާގުން މި ޚިދުމަތް ފޮރުކޮށްދިނުމުގެ މައިގަޑު ބޭނުމަކީ ރާއްޖޭގައި ލޯފަން މީހުންގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތައް ބާރުވެރިކުރުވައި، އެފަދަ ފަރާތްތަކަށް ހިތްވަރުދީ، މުޖުތަމައަށް ނެރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އަދި ދިރާގުގެ އަމާޒަކީ މުސްތަޤްބަލުގައި ވެސް މިފަދަ އިޖުތިމާއީ ކަންކަމުގައި އިތުރަށް ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނުމެވެ." ދިރާގުން ބުންޏެވެ.