ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ޓޫރިޒަމް މިނިސްޓްރީން ކުރިއަށް ގެންދާ "ނަލަ ނަލަ ރާއްޖެ" ވީޑިއޯ ޗެލެންޖުގައި ބައިވެރިވުމުގެ މުއްދަތު ޓޫރިޒަމް މިނިސްޓްރީން އިތުރުކޮށްފި އެވެ.

"ނަލަ ނަލަ ރާއްޖެ" ވީޑިއޯ ޗެލެންޖް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ އިންސްޓަގްރާމާއި ފޭސްބުކް އަދި ޓިކްޓޮކްގަ އެވެ.

މިޗެލެންޖްގެ މަގްސަދަކީ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ ގޮތުން ނެރެފައިވާ ލަވަ އިތުރަށް އިސްތިހާރުކުރުމެވެ.

ހުރިހާ އުމުރުފުރާއަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މިޗެލެންޖްގައި ބައިވެރިވެވޭ އެންމެ ފަހު ތާރިހަކީ ޖޫން މަހުގެ 30 ވަނަ ދުވަހު އެވެ.

ދިވެހިންގެ އިތުރުން ބޭރުގެ ފަރާތްތަކަށް ވެސް މިޗެލެންޖްގައި ބައިވެރިވެވޭއިރު 60 ސިކުންތަށް ވުރެ ދިގުނޫން ވީޑިއޯއެއް އިންސްޓަގްރާމް، ފޭސްބުކް ނުވަތަ ޓިކްޓޮކް މެދުވެރިކޮށް ހިއްސާކުރެވިދާނެ އެވެ. އަދި މިއިން ކޮންމެ ވީޑިއޯއެއްގައި ޗެލެންޖަށް ހާއްސަ ކުރެވިފައިވާ ހޭޝްޓެގްތައް ހިމަނާ، މިނިސްޓްރީން ދީފައިވާ އޮފިޝަލް އެކައުންޓްތައް ޓެގް ކުރަންޖެހޭނެ އެވެ.

ނަލަ ނަލަ ރާއްޖެ ވީޑިއޯ ޗެލެންޖްގެ އެސޯސިއޭޓް ޕާޓްނަރަކަށް އުރީދޫ ވަނީ ހަމަޖައްސާފަ އެވެ.

މި މުބާރާތުން ވަނަތައް ހޮވާނީ ދިވެހިންނާއި ބޭރު މީހުން ވަކިންނެވެ. ވަނަތަކަށް ހޮވޭ ދިވެހި ނަސީބުވެރި ފަރާތްތަކަށް 25،000 ރުފިޔާއާ ހަމައަށް ފައިސާގެ އިނާމުގެ އިތުރުން އުރީދޫ މައިފައިއެއް ލިބޭނެ އެވެ. އަދި ވީޑިއޯ ޗެލެންޖުގައި ބައިވެރިވާ ބޭރު ގައުމުތަކުގެ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތްތަކަށް ހޮލިޑޭ ޕެކޭޖަކާއެކު އުރީދޫ ޓޫރިސްޓް މައިފައި އެއް ދިނުމަށް ހަމަޖެހިފައިވެ އެވެ.