މިފްކޯ އަމިއްލަ ބޯޓެއް ގެނެސް މަސް އެކްސްޕޯޓްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މިފްކޯއިން އަލަށް ގެނައި 2500 މެޓްރިކް ޓަނުގެ "ޖަޒީރާ ރީފާ" އިން އެންމެ ފުރަތަމަ މަސް އެސްޕޯޓް ކުރުމަށް ހަމަޖެހިފައިވަނީ ތައިލެންޑަށެވެ. މިބޯޓަކީ އީޔޫ އާއި އައިއޯޓީސީގެ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ބޯޓެކެވެ.

މިފްކޯގެ އަމިއްލަ ބޯޓަކުން މަސް އެކްސްޕޯޓް ކުރުމުގެ މަސައްކަތް ފެށުމުން ރާއްޖޭގެ މަސްވެރިކަމަށް ސިނާއަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ އެވެ.

މިބޯޓާއެކު މަސް އެކްސްޕޯޓްކުރުމަށް ކުރާ މަސައްކަތްތައް އަވަސްކުރެވި ހަރަދު ކުޑަކުރެވިގެންދާނެ ކަމަށް އެކުންފުނިން ހާމަކުރެ އެވެ. މިފްކޯ ފްލީޓުގައި މި ބޯޓު ބޭނުން ކުރެވެނީ މަސް އެކްސްޕޯޓުކުރުމަށާއި ސްޓޯރޭޖެއް ގޮތުގަ އެވެ.

މި އަހަރުގެ މިހާތަނަށް 24،500 ޓަނުގެ މަސް ގަނެފައިވާއިރު މަސް އެކްސްޕޯޓުކުރަން ބޭރުން ޗާޓަރ ކޮށްގެން 7 ރީފާރ ވެސެލްވަނީ ގެނެސްފަ އެވެ.

މިފްކޯއިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ މަސްވެރިކަމުގެ ސިނާއަތު ތަރައްގީ ކުރުމަށާއި މަސްވެރިންނަށް ދެވޭ ހިދުމަތްތައް ފުޅާކޮށް އިތުރަށް ފަސޭހަކޮށްދިނުމަށެވެ. އެގޮތުން މިފްކޯއިން ދަނީ އިތުރު މާކެޓްތަކަށް މަސް އެކްސްޕޯޓުކުރަމުންނެވެ.

ދެކުނުގެ މަސްވެރިކަން މީގެ ދެ މަހެއްހާ ދުވަސް ކުރިން ރަނގަޅުވި ގޮތަށް މަސްވެރިކަން އަދިވެސް އެއްވަރެއްގައި ދަނީ ހިފެހެއްޓެމުންނެވެ. އަދި މިފްކޯގެ ސްޓޯރޭޖް ފެސިލިޓީތައް ތަރައްގީ ކުރުމަށް އިތުރު 9500 ޓަނުގެ ސްޓޯރޭޖް އެޅުމާއި ފެލިވަރު ކޭނަރީ އަޕްގްރޭޑް ކުރުންވެސް ދަނީ ކުރިއަށެވެ.