ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމަށް ބިޝްވަޖިތު މަޒުމްދާރު ހަމަޖައްސައިފި އެވެ.

ބިޝްވަޖިތުއަކީ އިންޓާނަލް އޮޑިޓިން، ބިޒްނަސް އޮޕަރޭޝަންސް އަދި ސްޓްރެޓެޖިކް ޕްލޭނިންގެ ދާއިރާއިން 35 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.

އޭނާގެ ޕްރޮފެޝަނަލް ކެރިއަރުގައި ގިނަ ބޭންކުތަކެއްގައި ޗީފް އޮޓިޑް މަގާމުތަކުގައި މަސައްކަތް ކުރައްވާފައިވެ އެވެ.

މީގެ ތެރޭގައި އަފްޣާނިސްތާން އިންޓާނޭޝަނަލް ބޭންކް، ސްޓޭޓް ބޭންކް އޮފް މޮރިޝަސް، އައިއެންޖީ ބޭންކް ލިމިޑެޓް، ބެންގަލޯރު ހިމެނެ އެވެ. ސެންޓްރަލް ބޭންކް އޮފް އޮމާންގެ ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމު ވެސް ބިޝްވަޖިތު ވަނީ އަދާކުރައްވާފަ އެވެ.

ބީއެމްއެލްއާ ގުޅިވަޑައިގެންނެވުމުގެ ކުރިން އޭނާ ހުންނެވީ ކާބުލްގެ ޣާޒަންފަރު ބޭންކުގެ ޗީފް އިންޓަރނަލް އޮޑިޓަރުގެ މަގާމުގަ އެވެ.

މި މަގާމަށް ބިޝްވަޖިތު އައްޔަންކުރެއްވުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ އިންޓާނަލް އޮޑިޓިންގެ ދާއިރާގެ އިތުރުން ކޯޕަރޭޓް ގަވާނަންސް، ރިސްކް މެނޭޖްމަންޓް އަދި ކޮންޕްލައަންސްގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ބިޝްވަޖިތު ވަނީ ހޯދައިފަ އެވެ.

"އަޅުގަނޑުމެންގެ ލީޑާޝިޕް ޓީމާއި ބިޝްވަޖިތު ގުޅިވަޑައިގަތުމާ ގުޅިގެން އޭނާ އަށް މަރުހަބާ ދަންނަވަން. އަދި މި މަގާމުގައި އޭނާ އަށް ކާމިޔާބަށް އެދެން،" އޭނާ ވިދާޅުވި އެވެ.

ބިޝްވަޖިތުއަކީ އައިއައިއޭ، ޔޫއެސްއޭ އިން ސާޓިފައިޑް ޗީފް އިންޓާނަލް އޮޑިޓަރު (ސީއައިއޭ)، އަދި އިންޑިއާގެ ނިއުދިއްލީގެ އައިސީއޭއައި އިން ޗާޓާޑް އެކައުންޓިން (އޭސީއޭ) ފުރިހަމަ ކޮށްފައިވާ ބޭފުޅެކެވެ.

އޭނާ ވަނީ ކަލްކަތާ ޔުނިވާސިޓީ އިން އެލްއެލްބީ ހޯއްދަވާފަ އެވެ. އަދި ޔޫއެސްއޭ އިން ސާޓިފައިޑް އިންފޯމޭޝަން ސިސްޓަމްސް އޮޑިޓަރު (ސީއައިއެސްއޭ) އަދި ސާޓިފައިޑް ފްރޯޑް އެގްޒަމިނަރު (ސީއެފްއީ) ފަދަ ގުޅުންހުރި ޕްރޮފެޝަނަލް ސެޓްފިކެޓްތައް ވެސް ވަނީ ހޯއްދަވާފަ އެވެ.