މިފްކޯގެ މަސް ބަންދުކުރާ ކާރުހާނާ ހުންނަ، ޅ. ފެލިވަރުގައި ތަރައްގީކުރާ ކޯލްޑް ސްޓޯރޭޖްގެ ބީލަން މަރުހަލާ ފަށައިފި އެވެ.

މަސްވެރިކަން ރަނގަޅު ދުވަސްވަރު މަސްވެރިން ބާނާ މަސްކިރުުވުމަށް ބޭނުންވާ ކެފޭސިޓީ ނެތުމަކީ މިފްކޯއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައި ކުރިޔަށް ގެންދާ ފެލިވަރުގެ މި ބިޔަ މަޝްރޫއާއެކު މިހާރު ދިމާވަަމުން އަންނަ ދަތިތަކަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

ފެލިވަރުގައި ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން ފެލިވަރުގައި 4،000 ޓަނުގެ މަސް ރައްކާކުރެވޭނެ ކޯލްޑް ސްޓޯރޭޖަކާއި، ދުވާލަކު 200 ޓަނުގެ މަސް ގަނޑު ކުރެވޭނެ ބްރައިން ފްރީޒިން ފެސިލިޓީއެއް ގާއިމްކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ. އަދި ރެފްރިޖަރޭޓަޑް ސީ ވޯޓާ ފެސިލިޓީއާއި، މި ކަންކަމާ ގުޅޭ އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

މި މަޝްރޫޢުގެ ދަށުން ގއ. ގެމަނަފުށީގައި ވެސް 50 ޓަނުގެ އައިސް ޕްލާންޓަކާއި 100 ޓަނުގެ އައިސް ސްޓޯރޭޖެއް ގާއިމުކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. މި މަޝްރޫއުގެ ދަށުން މިފްކޯގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ މިހާރަށް ވުރެ 48 ޕަސެންޓަށް އިތުރުވެގެން ދާނެ ކަމަށާއި އަދި ފްރީޒިން ކެޕޭސިޓީ 37 ޕަސެންޓަށް އިތުރުވެގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.