ސްޓޭޓް ޓްރޭޑިން އޯގައިޒޭޝަން (އެސްޓީއޯ)ގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު އާންމުކުރުން ފަސްކޮށްފި އެވެ.

އެސްޓީއޯއިން ބުނީ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު އާންމުކުރުން ލަސްވެފައިވަނީ އެކުންފުނީގެ ދަށުން ހިންގާ ބައެއް ކުންފުނިތަކުގެ އޮޑިޓްތައް ނިންމުމުގައި ލަސްތަކެއް ދިމާވުމުގެ ސަބަބުން ކަމަށެވެ.

އެސްޓީއޯގެ ސަބްސިޑިއަރީތަކުގެ ގޮތުގައި ނުވަ ކުންފުންޏެއް ދަނީ ހިންގަމުންނެވެ. އެއީ، އެލައިޑު އިންޝުއަރެންސް، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)، މޯލްޑިވް ގޭސް، މޯލްޑިވްސް ނޭޝަނަލް އޮއިލް ކޮމްޕެނީ، މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް، މިފްކޯ، ރޭސުޓް މޯލްޑިވްސް ސިމެންޓް، މޯލްޑިވްސް ސްޓޭޓް ޝިޕިން އަދި އެސްޓީއޯ ސިންގަޕޯ އެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ލިސްޓިން ރޫލްސް އާއި ކެޕިޓަލް މާކެޓު ޑިވެލޮޕްމަންޓު އޮތޯރިޓީ (ސީއެމްޑީއޭ) ގެ ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ގަވާއިދުގެ ދަށުން، ލިސްޓެޑު ކުންފުނިތަކުން 2021 ގެ އަހަރީ ރިޕޯޓު އާންމުކުރުމުގެ އެންމެ ފަހު ތާރީހަކީ އެޕްރީލް 30 ދުވަހެވެ.

ނަމަވެސް އެސްޓީއޯގެ އޮޑިޓްތައް ލަސްވުމާއެކު، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އަދި ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ހުއްދައާއިއެކު، މި ރިޕޯޓު އަންނަ މަހު 15 ވަނަ ދުވަހުގެ ކުރީން އާންމު ކުރުމަށް އެސްޓީއޯއިން ވަނީ ނިންމާފަ އެވެ.