ކުރިއަށް އޮތް ފިތުރު އީދަށް ޖީސީސީގެ ގައުމުތަކުގެ ރައްޔިތުން އެންމެ ގިނައިން ދަތުރުކުރާ މަންޒިލްތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިއްޖެ އެވެ.

މެދު އިރުމަތީގެ ހަ ގައުމެއް ހިމެނޭހެން ޝާއިއު ކޮށްފައިވާ މި ތަފާސް ހިސާބުތަކުގައި ރާއްޖެއާއެކު ދެން ހިމެނެނީ މޮރިޝަސް، އިނގިރޭސި ވިލާތް، އިޓަލީ އަދި ތައިލެންޑް ފަދަ ގައުމުތަކެވެ.

ސައޫދީ އަރަބިއާ، ކުވެއިތު، ގަތަރު، އޮމާން، ޔޫއޭއީ އަދި ބަހްރެއިން ހިމެނޭ ޖީސީސީއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު މުއްސަނދި ގައުމުތަކެކެވެ. މި ގައުމުތަކުގެ ފަތުރުވެރިން އެހެން ގައުމުތަކުގައި ހޭދަކުރާ ރޭތަކުގެ އަދަދާއި އެ މުއްދަތުގައި އެހެނިހެން ކަންކަމަށް ކުރާ ހަރަދުތައް ވެސް އިތުރެވެ.

ފިތުރު އީދާ ދިމާކޮށް ވައިގެ ދަތުރު ތަކަށް އޮތް ޑިމާންޑް އިތުރުވުމާއެކު މެދުއިރުމަތީގެ މައި އެއާލައިންއެއް ކަމަށްވާ އެމިރޭޓްސްއިން ވަނީ އެއެއާލައިންއިން އިތުރު ދަތުރުތަކެއް ކުރަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ.

ރާއްޖެއަކީ މެދު އިރުމަތީގެ މާކެޓްގައި މަގުބޫލު މަންޒިލަކަށްވާއިރު ރާއްޖޭގެ ރިސޯޓުތަކުން ވެސް ވަނީ އީދާ ދިމާކޮށް ފަތުރުވެރިންނަށް ހާއްސަ ޕެކޭޖުތަކެއް ވެސް އިއުލާން ކޮށްފަ އެވެ.

މިއީ ޕެންޑަމިކްގައި ހޭދަވި ދެ އަހަރަށްފަހު ލިބުނު ލުއިތަކާއެކު ދަތުރު ކުރެވޭ ފުރަތަމަ އީދަށްވުމާއެކު ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ލަފާ ކުރެވެ އެވެ.