ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިޔުމާއެކު، އެސްޓީއޯއިން ވިއްކި ތެލުގެ އަދަދު އިތުރުވެ، އެ ކުންފުންޏަށް މިދިޔަ ކުއާޓަރުގައި ހަތަރު ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.

އެސްޓީއޯއިން ވަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ހިސާބުތައް ވަނީ މިއަދު އެ ކުންފުނީގެ ވެބްސައިޓްގައި އާއްމުކޮށްފަ އެވެ.

އެ ކުންފުނިން އާއްމުކުރި މާލީ ހިސާބުތައް ދައްކާ ގޮތުން ނިމިދިޔަ ކުއާޓަރުގައި ކުންފުނީގެ ޖުމްލަ އާމްދަނީއަކީ 4 ބިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ ކުއާޓަރއާއި އަޅާ ބަލާއިރު 23 ޕަސެންޓް ކުރިއެރުމެކެވެ.

އެސްޓީއޯގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިޔުމާއެކު، އެސްޓީއޯއިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު، 14 އިންސައްތަ އިތުރުވެފައިވުމެވެ. އަދި ހަމައެއާއެކު، އެކުންފުނިން ކުރަމުން އަންނަ އެހެނިހެން ވިޔަފާރިތައް ކުރިއަރައި، މި ވިޔަފާރިތަކުން ލިބުނު އާމްދަނީ އިތުރުވެފައިވުން ވެސް ހިމެނެ އެވެ.

ކުންފުންޏަށް ލިބުނު އާމްދަނީ އިތުރުވުމާއެކު، ޖުމްލަ ފައިދާ ވަނީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު، 71.6 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު، 18 ޕަސެންޓްގެ ކުރިއެރުމެކެވެ.

"ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ބޮޑުވިނަމަވެސް، އެ ނިސްބަތުން އެސްޓީއޯއިން ތެލުގެ އަގުތައް ބޮޑުކޮށްފައިނުވާނެކަން ފާހަގަކުރަން. ހަމަމިއާއެކު، ރަމަޟާން މަހަށް ހާއްސަކޮށް، ރައްޔިތުންނަށް ބޭނުންވާ ތަކެތި އެތެރެކޮށް، ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް އިސްކަމެއް ދެވިފައިވޭ،" އެސްޓީއޯ އިން ބުންޏެވެ.

އެ ކުންފުނިން ވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ދެމުން ގެންދިޔަ ޚިދުމަތްތައް ފުޅާކޮށް، ތަފާތު މުދަލާއެކު، މާޗް 13 ގައި އައު ޑިޕާޓްމަންޓް ސްޓޯރެއް ވަނީ ހުޅުވިފަ އެވެ.

އެސްޓީއޯގެ ހިންގުމުގެ ޚަރަދު، 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވަނީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު ގާތްގަނޑަކަށް 10 ޕަސެންޓް އިތުރުވެފަ އެވެ. މީގެ މައިގަނޑު ސަބަބަކީ ޕްރޮވިޝަން އިތުރުވެފައިވުމެވެ.

ޓެކްސްއަށް ކެނޑުމުގެ ކުރިން، އެސްޓީއޯގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ފައިދާއަކީ 177 މިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 15 ޕަސެންޓްގެ އިތުރުވުމެކެވެ. އަދި ޓެކްސްއަށް ކެނޑުމަށްފަހު މި ކުއާޓާރުގެ ސާފު ފައިދާއަކީ 150 މިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ ކުއާޓާރާ އަޅާބަަލާއިރު 14 ޕަސެންޓްގެ އިތުރުވުމެކެވެ.

"މި ފުރުސަތުގައި އެސްޓީއޯގެ ވިޔަފާރީގެ އެންމެހާ ބައިވެރިން އެސްޓީއޯގެ ކަންކަމާމެދު ބަހައްޓަވާ ގާތްކަމާއި ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް، ނިހާޔަތައް ޝުކުރު ދަންނަވަން." އެ ކުންފުނިން ބުންޏެވެ.