މޯލްޑިވިއަންއިން ދަތުރުކުރާ ފަރާތްތަކުގެ ހޭންޑް ލަގެޖް އުފުލުމުގެ ގަވައިދަށް އެއްވެސް ބަދަލެއް ގެނެވިފައެއް ނުވާ ކަމަށް އެކުންފުނިން ބުނެފި އެވެ.

މޯލްޑިވިއަންއިން މިހެން ބުނެފައި ވަނީ ހޭންޑް ލަގެޖަށް ޗާޖުކުރަން ފަށާފައިވާ ކަމަށް ބުނެ މީޑިއާތަކުން ރިޕޯޓުކުރުމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެވެ.

މޯލްޑިވިއަނުން ބުނީ އެ ކުންފުނިން ދަތުރުކުރާ ކޮންމެ ދަތުރުވެރިއަކަށް ހޭންޑް ލަގެޖްގޮތުގައި ކަނޑައަޅާފައިވާ ފަސް ކޮލީ އެއްވެސް އިތުރު ޗާކަކާއި ނުލާ މިހާރު ވެސް ގެންދެވޭނެ ކަމަށެވެ. އަދި ހޭންޑް ލަގެޖުގެ ބަރުދަން އިތުރުވެއްޖެ ނަމަ، އިތުރުވާބައި އެއްވެސް ހާލަތެއްގައި ހޭންޑް ލަގެޖުގެ ގޮތުގައި ނޭރުވޭނެ ކަމަށާއި އެ ހާލަތުގައި ފަސް ކިލޯއަށްވުރެ އިތުރުވާބައި ލަގެޖުގެ ގޮތުގައި ދޫކޮށްލުމަށް ފުރުސަތު ދޭނެ ކަމަށްވެސް މޯލްޑިވިއަންއިން ބުނެ އެވެ.

މޯލްޑިވިއަންއިން ބުނީ ހޭންޑް ލަގެޖަށް ގެންދާ ފޮށި ނުވަތަ ދަބަސް ދިގުމިނުގައި 20 އިންޗި ފުޅާމިނުގައި 12 އިންޗި އަދި އުސްމިނުގައި ހަތް އިންޗިއަށް ވުރެ ބޮޑުވެގެން ނުވާނެކަމަށެވެ.

ބައެއް މީޑިއާތަކުން އިއްޔެ ވަނީ މޯލްޑިވިއަނުން ހޭންޑް ލަގެޖުގެ ގޮތުގައި ކަނޑައަޅާފައިވާ ފަސް ކިލޯއަށްވުރެ ބަރު ނޫން ދަބަހަކަށް ޗާޖުކޮށްފައިވާ ކަމަށް ބުނެ ރިޕޯޓްކޮށްފަ އެވެ.