އެމްޓީސީސީގެ 41 އަހަރުގެ ތާރީހުގައި މިހާތަނަށް ހޯދި އެންމެ ބޮޑު ސާފު ފައިދާ މިދިޔަ އަހަރު ލިބިއްޖެ އެވެ.

އެމްޓީސީސީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެކުންފުންޏަށް ވަނީ 1.97 ބިލިއަން ރުފިޔާގެ ވިޔަފާރި ކޮށްފަ އެވެ. އަދި ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 271.82 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ 2020 ވަނަ އަހަރުގެ މާލީ ނަތީޖާއާއި އަޅާބަލާއިރު 21 ޕަސެންޓް އިތުރު އަދަދެކެވެ.

އަދި މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި 28.13 މިލިއަން ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާއަށް ހުށައެޅުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމާފަ އެވެ. މިއީ ފަސް ރުފިޔާގެ މޫނުމަތީ އަގުގެ ހިއްސާއަކަށް 3.50 ރުފިޔާ އެވެ. މިއީ ވެސް އެމްޓީސީސީގެ 41 އަހަރުގެ ދިގު ތާރީހުގައި ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ކަނޑައެޅުނު އެންމެ ބޮޑު އަދަދު ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެމްޓީސީސީ އިން ބުނީ އުމްރާނީ ތަރައްގީގެ އާ 57 މަޝްރޫއުއެއް ކުންފުންޏާ ހަވާލުކޮށް 27 މަޝްރޫއުއެއްގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ. އަދި ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ޖުމުލަ 304 ހަރަކާތެއް ހިންގާފައިވާ ކަމަށް ވެސް ބުންޏެވެ.