މިއަހަރަށްވުރެ އަންނަ އަހަރު ދައުލަތުން ދައްކަންޖެހޭ ދަރަނީގެ އަދަދު މާ ބޮޑެއްނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ ޓީޗަރުންގެ މުސާރައަށް ގެނައި ބަދަލުތަކުގެ ތަފްސީލު ދިނުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދައުލަތުން އަންނަ އަހަރުވެސް ދަރަނި ދައްކަން އޮތުމާއެކު މިގެނައި ބަދަލަކީ ދައުލަތުގެ ބަޖެޓަށް އުފުލޭނެ ވަރުގެ ބުރައެއްތޯ ސުވާލު ކުރިމަތި ކުރުމުންނެވެ.

އެ ސުވާލުގެ ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ މިއަހަރަށް ވުރެ އަންނަ އަހަރު ދައްކަން ޖެހޭ ދަރަނި އިތުރެއް ނުވާނެ ކަމަށާއި މިއަހަރުގެ ތެރޭގައި ސަނީ ސައިޑް ބޮންޑަށް ދައްކަންޖެހޭ އަދަދުގެ އަދި 58 މިލިއަން ޑޮލަރު މިއަހަރު ދައްކަން ޖެހޭ ކަމަށެވެ.

"މިއަންނަ އަހަރު އެއަށްވުރެ ބޮޑެއްނުވާނެ. މީގެ އިތުރުން އަޅުގަނޑުމެންގެ މީޑިއަމް ޓާމް ޑެޓް ސްޓްރެޓެޖީ މިހާރުވެސް ޕަބްލިޝްވެފައި ހުންނާނީ އޭގައިވެސް ހުންނާނެ ވަރަށްގިނަ ތަފްސީލުތައް،" މިނިސްޓަރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ޓީޗަރުންގެ މުސާރަ ބޮޑު ކުރުމަކީ ރައީސްގެ ވައުދެއް ކަމަށާއި މި އަހަރުގެ ބަޖެޓްގައި މިހާރު ވެސް މިނިމަމް ވޭޖާއި އާ ޕޭ ފްރޭމްވޯކަށް ފައިސާ ހިމަނުއްވާފައިވާ ކަމަށެވެ. އެހެންކަމުން އިތުރަށް ފައިނޭންސް ހޯދަން މަސައްކަތް ކުރަން ނުޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން މިނިމަމްވޭޖާއި މުސާރަ ބޮޑުކުރުމަށް 500 މިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށްވެސް އަމީރު ވިދާޅުވި އެވެ.

ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވިޔަސް ލަފާކުރާ ވަރަށް ރިއަލައިސް ނުވާނަމަ އެ ބަދަލުވެގެންދަނީ އަނެއްކާ ވެސް ދަރަންޏަށް ކަމަށާއި އެހެންކަމުން އެކަންކަން ޓެކްލްކުރަން ވިސްނަނީ ކޮންގޮތަކަށްތޯ ނޫސްވެރިއަކު ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ މިހާރުވެސް އަންދާޒާ ކުރިވަރަށްވުރެ ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކަމަށެވެ.

"އަޅުގަނޑުމެން ދައުލަތަށް އާމްދަނީ ލިބޭނެކަމަށް އަންދާޒާކުރި ވަރަށްވުރެ ވެސް ރަނގަޅަށް ޕާފޯމްކުރަމުން އެބަދޭ. މިހާރު ބަޖެޓުގައި އިން ޑެފިސިޓް އިތުރަށް ބޮޑުވެގެންދާނެ ތަނެއް އަޅުގަނޑަކަށް ނުފެނޭ. މިސާލަކަށް އަޅުގަނޑުމެން އިތުރަށް ސަޕްލިމެންޓަރީ ބަޖެޓެއް ނުވަތަ އެކަހަލަ ކަމެއް ނުކުރާހާ ހިނދަކު ޑެފިސިޓް ބޮޑުވާނެ ތަނެއް ނުފެނޭ،" އަމީރު ވިދާޅުވި އެވެ.

ތައުލީމީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ އެކު، އެންމެ ބޮޑު ހޭދަައެއް ކުރަން ޖެހެނީ ޓީޗަރުންގެ މުސާރައިގެ ކުރިއެރުމަށެވެ. އެގޮތުން، ޓީޗަރުންގެ މުސާރައިގެ ކުރިއެރުމަށް މަހެއްގެ މައްޗަށް 34.97 މިލިއަން ރުފިޔާ ބަޖެޓަށް އިތުރުވެ އެވެ. އެއީ އަހަރެއްގެ މައްޗަށް 419.6 މިލިއަން ރުފިޔާ އެވެ. ތައުލީމީ ދާއިރާގެ މުސާރައަށް ގެނައިި ބަދަލުތަކާ އެކު، ޖުމްލަ 488.6 މިލިއަން ރުފިޔާ އިތުރަށް ހަރަދު ކުރަން ޖެހެ އެވެ. އެއީ މަހެއްގެ މައްޗަށް 40.7 މިލިއަން ރުފިޔާ އެވެ. އެހެންކަމުން، މި އަހަރުގެ ބާކީ އޮތް މަސްތަކަށް ޖުމްލަ 284.9 މިލިއަން ރުފިޔާ ހަރަދު ވާނެ އެވެ.