ކޮންމެ އަހަރެއްގެ ރަމަޟާން މަހު އުރީދޫން ކުރިޔަށްގެންދާ އުރީދޫ މަސްރޭހުގެ 11 ވަނަ ސީޒަން، "ޓީމް ސްޓެލްކޯ ކަނބަލުން" ކާމިޔާބު ކޮށްފި އެވެ.

ފޯރިގަދަ ފައިނަލެއްގައި ސްޓެލްކޯ ކަނބަލުން އަދި ޓީމް އެފްއެސްއެމް، ޓީމް ކެޔޮޅު ބައްޕީ އަދި ޓީމް ގޯޅިއަންސް ވާދަކޮށް، މިއަހަރުގެ އުރީދޫ މަސްރޭހުގެ ޗެމްޕިއަން ޓިމާއި، އެންމެ ބޮޑު މަސް، އެންމެ ގިނަ މަސްގެ އިތުރުން މޯސްޓް އެންގޭޖިންގް ޓީމް ވަނީ ހޮވައިފަ އެވެ.

މީގެ ތެރޭގައި ހިމެނެނީ:

1. އުރީދޫ މަސްރޭސް 2022ގެ ޗެމްޕިއަން ޓީމް: ޓީމް ސްޓެލްކޯ ކަނބަލުން.

އިނާމުތައް: އުރީދޫ މޯލްޑިވްސްއިން ދޭ 50،000 ރުފިޔާ އާއި ޑީޓެކް އިން ދޭ އެވިންރޫޑް 9.8 ހޯސްޕަވަރުގެ އިންޖިން، ހައި ފިޝިންގް ޓެކްލްސް އިން ދޭ 10،290ރ. ގެ އަގުހުރި މަސްބާނާ ދޮށްޓެއް، ލަޔާ ކެފޭގެ ފަރާތުން ޓީމަށް ދޭ ޚާއްސަ ކެއުމެއް.

2. އެންމެ ބަރުމަސް ބޭނި ކެޔޮޅު: 11.95 ކިލޯގެ އެއިޓް ބާ ގްރޫޕާއެއް ބާނައިގެން، ޓީމް އާރްޑީސީގެ ޔާސިރް.

އިނާމު: އުރީދޫ މޯލްޑިވްސްއިން ދޭ 5،000 ރުފިޔާ، ސީރިއަސް އެންގްލާސްގެ ފަރާތުން ދޭ އޯޝަންސް ލެގަސީ އެލެމެންޓަސް ޑިޕް ޖިގިން ދޮށްޓެއް، ހައި ފިޝިންގް ޓެކްލްސް އިން ދޭ 4،850ރ. ގެ އަގުހުރި މަސްބާނާ ދޮށްޓެއް. ކެޔޮޅު ރެސްޓޯރެންޓްގެ ފަރާތުން ދެ މީހުންގެ ކެއުމެއް.

3. މުބާރާތުގެ ފިރިހެން މަސްވެރިޔާ: 49 މަސް ބާނައިގެން ޓީމް ސްޓެލްކޯ ކަނބަލުން ޓީމުން އަބްދުލް އަޒީޒް (އަޒީބެ)

އިނާމުތައް: އުރީދޫ މޯލްޑިވްސްއިން ދޭ 5،000 ރުފިޔާ، އޮބިއަންގެ ފަރާތުން ދޭ އެކްސަސައިޒް ބައިކްހައި، ފިޝިންގް ޓެކްލްސް އިން ދޭ 4،850ރ. އަގުހުރި މަސްބާނާ ދޮށްޓެއް، ކެޔޮޅު ރެސްޓޯރެންޓްގެ ފަރާތުން ދޭ ދެ މީހުންގެ ކެއުމެއް.

4. މުބާރާތުގެ މޯސްޓް އެންގޭޖިން ޓީމް (އެންމެ ހިންގާލާ ޓީމް): ޓީމް އެފްއެސްއެމް

އިނާމުތައް: ރަންފައުންގެ ފަރާތުން ދޭ ޕެނަސޮނިކް އޭސީއެއް، ކޮފީ ޝްރަބްގެ ފަރާތުން ޓީމަށް ދޭ ތަރާވީސް ކެއުމެއް.

މޮޅުވި ޓީމް ޓީމް ސްޓެލްކޯ ކަނބަލުން އަށް 680.80 ޕޮއިންޓް ލިބިފައިވާއިރު، މިއަހަރުގެ އުރީދޫ މަސްރޭހުގެ ދެވަނަ ޓީމް ކަމަށްވާ އެފްއެސްއެމް ޓީމަށް ލިބިފައިވަނީ 191.05 ޕޮއިންޓެވެ. ހަމައެހެންމެ، ތިންވަނަ ހޯދާފައިވާ ޓީމް ގޯޅިއަންސްއަށް ލިބިފައި ވަނީ 178.85 ޕޮއިންޓެވެ.

އުރީދޫ މަސްރޭސް 2022 ކާމިޔާބުކުރި ސްޓެލްކޯ ކަނބަލުންގެ ޓީމުން މަސްތައް އުފުލަނީ. ފޮޓޯ: އުރީދޫ

ފިތުރު އީދު ފާހަގަކޮށް، ރޭ ކުރިއަށް ގެންގޮސްފައިވާ އުރީދޫ މަސްރޭހުގެ ފޯރިގަދަ ގްރޭންޑް ފައިނަލްގައި، މިނިސްޓަ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު ޒަހާ ވަހީދު، އުރީދޫ މޯލްޑިވްސްގެ ބޯޑު މެންބަރު ދީނާ ހުސައިން އާއި އުރީދޫ މޯލްޑިވްސްގެ އެގްޒެކެޓިވް މެނޭޖްމަންޓް ޓީމުން ބައިވެރިވެފައިވެ އެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ އުރީދޫ މަސްރޭސްގެ ސީޒަން 11 އަށް ޓީމްތަކުން ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އަދި ރާއްޖޭގައި ރަމަޟާން މަހު އެންމެ ގިނަ ބަޔަކު ފޯރިއާއެކު ބައިވެރިވާ އެއް އިވެންޓް ކަމުގައިވާ އުރީދޫ މަސް ރޭސް ކޮވިޑް-19 އާ ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށްފަހު، މިއަހަރު އަލުން ފެށިއިރު، މި ހަރަކާތުގައި ބައިވެރިވުމަށް ގިނަ ފަރާތްތަކުން ތިބީ ޝައުގުވެރިކަމާއެކު އިންތިޒާރުކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުރީދޫ މަސްރޭސް 2022 ކާމިޔާބުކުރި ސްޓެލްކޯ ކަނބަލުންގެ ޓީމުން މަސްތައް އުފުލަނީ. ފޮޓޯ: އުރީދޫ

" އެހެންކަމުން އުރީދޫ މަސްރޭސް 2022 ވެގެންމިދިޔައީ ވަރަށް ފޯރި ގަދަ ވާދަވެރި ސީޒަންއަކަށް. އުރީދޫ މަސްރޭސް ގެ ތާރީހުގައި ރެކޯޑް އަދަދަކަށް މަސް ބާނައިގެން ޗެމްޕިއަންކަން ނެންގެވި ޓީމް ސްޓެލްކޯ ކަނބަލުން ގެ އިތުރުން ވަނަތައް ހޯއްދެވި ހުރިހާ ފަރާތްތަކަށް ވެސް ވަރަށް ހޫނު މަރުހަބާ އާއި ތަހުނިޔާ ދަންނަވަން. މި އިވެންޓް ފޯރިގަދަ އަދި ކުލަގަދަ އިވެންޓްއަކަށް ހަދައިދިން ހުރިހާ ބައިވެރިންނާއި ސަޕޯޓަރުން އަދި ޕާޓްނަރުންނަށް ފަށްފަށުން ޝުކުރު އަދާކުރަން،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ މުއައްސަސާތަކުންނާއި، ރާއްޖޭގެ ބޮޑެތި ކުންފުނިތަކުންނާއި އަމިއްލަ ފަރާތްތައް ހިމެނޭ ގޮތަށް، ޖުމްލަ 23 ޓީމެއް މިއަހަރުގެ މަސްރޭހުގައި ވާދަކުރި އެވެ.