ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ވެހިކަލް ލޯން އަދި ފައިނޭންސިންގެ އިންޓްރެސްޓް ރޭޓާއި ޕްރޮފިޓް ރޭޓަށް ދަށްކޮށްފި އެވެ.

ބީއެމްއެލްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ދަށްކުރި އިންޓްރެސްޓާއެކު ކަސްޓަމަރުންނަށް 500،000 ރުފިޔާއާ ހަމަޔަށް 15 ޕަސެންޓް އިންޓްރެސްޓް ރޭޓުގައި ލޯނު ލިބޭނެ ކަމަށެވެ. އަދި އިންޓްރެސްޓް ދަށްވުމާއެކު އުޅަނދު ގަންނައިރު މަހަކަށް ދައްކަންޖެހޭ އަދަދުވާނީ އެންމެ ކުޑަ އަދަދުގެ ގޮތުގައި ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

މި ލޯން އެއްވެސް އިތުރު ރަހުނަކާ ނުލާ ދޫކުރާއިރު ލޯނު އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ދެ އެވެ. ބީއެމްއެލް ވެހިކަލް ލޯން ކުރިން ދޫކުރަމުން އައީ ބޭންކުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތައް މެދުވެރިކޮށް އުޅަނދު ގަތުމަށެވެ. ނަމަވެސް މިއަދުން ފެށިގެން ރާއްޖޭގެ ކޮންމެ ވިޔަފާރިއެއް މެދުވެރިކޮށްވެސް އުޅަނދު ގަތުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ތިމާވެއްޓާ ރައްޓެހި އުޅަނދު ބޭނުންކުރުމަށް ބާރުއެޅުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މުޅި އުޅަނދަކީ އިލެކްޓްރިކް އުޅަނދެއް ނަމަ ވެހިކަލް ލޯނާއި ފައިނޭންސިންގެ ރޭޓް 12 ޕަސެންޓަށް އިތުރަށް ދަށްކޮށްފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.

އެ ބަދަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ޑައިރެކްޓަރު އޮފް ރީޓެއިލް މޫސާ ނިމާލް ވިދާޅުވީ އެ ބަދަލާއެކު މުޅި މާކެޓްގައި ކަސްޓަމަރުންނަށް އުޅަނދުގަތުމަށް އެންމެ އަގު ހެޔޮ އަދި ފަސޭހަ ގޮތްތަކެއް ލިބިގެންދާނީ ބީއެމްއެލް އިން ކަމަށެވެ. އަދި މުޅި އުޅަނދަކީ އިލެކްޓްރިކް އުޅަނދެއް ނަމަ އިންޓްރެސްޓް ރޭޓް މިވަނީ 12 ޕަސެންޓަށް އިތުރަށް ދަށްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މީގެ ސަބަބުން ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި އުޅަނދު ބޭނުންކުރުން އިތުރުވުމަށް ބާރުއެޅިގެންދާނެ." ނިމާލް ވިދާޅުވެފައިވެ އެވެ.

ވެހިކަލް ލޯނާއި ފައިނޭންސިންއަށް މިއަދު ގެނައި ބަދަލުތަކާއެކު ސައިކަލާއި، ކާރު އަދި ހަތަރު ފުރޮޅުލީ އުޅަނދުގެ އިތުރުން ޖެޓް ސްކީ، އިންޖީނުލީ ޑިންގީ ފަދަ އިންޖީނު އަޅާފައިވާ އުޅަނދު ވެސް ގަނެވޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.