ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން ކ. ކާށިދޫގައި ބާބަކިއު ސަރަހައްދެއް ގާއިމްކޮށްފި އެވެ.

ބީއެމްއެލްއިން ބުނީ ކާށިދޫގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ މަގްސަދުގައި ތަރައްގީ ކުރުވުނު މި ބާބިކިއު ސަރަހައްދުގައި ބާބައިކު ގްރިލް، ގޮނޑި އަދި މޭޒާއި ބެންޗު ވަނީ ބަހައްޓާފައިވާ ކަމަށެވެ. އަދި މި ސަރަހައްދު އިތުރަށް ފުރިހަމަ ކުރުމަށް ރަށުގެ އިސްރަށްވެހިންނަށް ހާއްސަކޮށް ފިނި މައިޒާނެއް ވެސް ވަނީ ތަރައްގީކޮށްފައިވާ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.

ބީއެމްއެލް އިން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން ކ. ކާށިދޫގައި ގާއިމުކުރި ބާބަކިއު ސަރަހައްދު މި ޕްރޮޕޯސަލް ކާމިޔާބު ކުރި މުހައްމަދު ވިސާހު ވިދާޅުވީ އުންމީދަކީ އެރަށުގެ ރައްޔިތުންނާއި މިރަށަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އެ ތަނަކީ ބޭނުންތެރި ތަނަކަށް ވެގެންދިއުން ކަމަށެވެ. އަދި މި ޕްރޮޖެކްޓް ކާމިޔާބުކަމާއެކީ ނިންމާލުމަށް އެހީތެރިވެދެއްވި ކާށިދޫ ކްލަބް ފްލަޔަރސް އާއި އެހެނިހެން ފަރާތްތަކަށްވެސް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 65 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދެވިފަ އެވެ.