ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2022ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

މިމުބާރާތުގެ ޑިޒިޓަލް ޕާޓްނަރުގެ އެއްބަވުމުގައި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ބްރޭންޑް އަދި މާކެޓިން ކޮމިޔުނިކޭޝަންގެ ސީނިއާ މެނޭޖަރު މުހައްމަދު މިރުޝާން އެވެ. އަދި ޓީޓީއެމްގެ ފަރާތުން ސޮއިކުރެއްވީ، އެ އެސޯސިއޭޝަންގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ އެވެ.

މިމަހުގެ 9 އިން 11އަށް މާލޭގައި ކުރިއަށްގެންދާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ހަ ގައުމަކުން 85 ކުޅުންތެރިން ވާދަކުރާނެ އެވެ.

މުބާރާތުގައި ވާދަކުރަން ޓީމުތައް މިހާރު ވަނީ ރާއްޖެ އަންނަން ފަށައިފަ އެވެ. މިއަހަރުގެ މުބާރާތުގައި ރާއްޖެ، ސްރީލަންކާ، ބޫޓާން، ނޭޕާލް، ބަންގްލަދޭޝް، އިންޑިއާ އަދި ޕާކިސްތާނުން ބައިވެރިވެ އެވެ.

މުބާރާތުގައި މިހާތަނަށް ރާއްޖެއަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ މުބާރާތުގެ ކެޑޭޓް ކެޓަގަރީން ރާއްޖޭގެ ފާތިމަތު ދީމާ އަލީ ރަން މެޑަލް ހޯދުމާއި، ޖޫނިއާ ބައިން އަންހެން ޓީމު ރިހި މެޑަލް ހޯދުމެވެ.

މިއަހަރު ރާއްޖޭގައި ބާއްވަން ތައްޔާރުވާ މުބާރާތަކީ މީގެކުރިން 2019 ވަނަ އަހަރު ބާއްވަން އޮތް މުބާރާތެކެވެ. އެ އަހަރުގެ މުބާރާތް ފަސްކުރީ ކޮވިޑް-19ގެ އާލަމީ ވަބާގެ ސަބަބުންނެވެ.