މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުރިން ނަގަމުން އައި 30 ޕަސެންޓް ސާޗާޖު އުވާލަން ނިންމައިފި އެވެ.

އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މިމަހުގެ 13 އިން ފެށިގެން ދޭ ޚިދުމަތްތަކުގެ ތެރެއިން ރޭގަނޑު 11:30 އިން ހެނދުނު 7:30 އާ ދެމެދު ދޭ ޚިދުމަތްތަކުން ނަގާ 30 ޕަސެންޓްގެ ސާޗާޖް އުވާލުމަށް ނިންމާފައިވާ ކަމަށެވެ.

އެމްޕީއެލްއިން ބުނީ އެ ކުންފުނީގެ ބެލުމުގެ ދަށުގައިވާ ބަނދަރުތަކުން ނަގާ ހޭންޑްލިން އަދި ވޯފޭޖް ޗާޖުތައް މިމަހުގެ13 އިން ފެށިގެން ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެމްޕީއެލްގެ ހެޑް އޮފް ކާގޯ އޮޕަރޭޝަންސް އަހުމަދު އިނާން "ހުރިހާ" އަށް މިއަދު ވިދާޅުވީ އެ ސާޗާޖު އުވާލަން ނިންމީ އެޖެންޓުން ކުންފުންޏަށް ރައްދުވާ ގޮތަށް އެކި ފީތައް ނަގަމުންގެންދާތީ ކަމަށެވެ.

"މިތަނުގެ ނަމުގައި ވިޔަފާރިވެރިންގެ އެބަ ނަގާ އެ ސާޗާޖު. އެންމެ ރަނގަޅަކަށް ނޫން އެކަން އެކުރަނީ. އެޖެންޓުން އެ ފީ ދުވާލު ނެރޭ ކޮންޓެއިނަރުތަކުން ވެސް ނަގާ،" އޭނާ ވިދާޅުވި އެވެ.

އިނާން ވިދާޅުވީ އެ ކުންފުނިން 2015 ވަނަ އަހަރު އެ ސާޗާޖު ތައާރަފްކުރީ ތިން ޝިފްޓަކަށް މަސައްކަތް ބަހަލާއިގެން ކުރިޔަށް ގެންދަން ކަމަށެވެ.

"ވިޔަފާރިވެރިން ދޭން ނުޖެހޭ އެއްޗެއް އެކި ނަންނަމުގައި އެޖެންޓުން ނަގާތީ އެކަން ހުއްޓުވުމަށް އެމްޕީއެލް އިން ސާޗާޖު ކަނޑާލީ. މިއާ ގުޅިގެން ވިޔަފާރިވެރިންނަށް ވަރަށް ބޮޑު ލުޔެއް ލިބެން މިދިޔައީ،" އޭނާ ވިދާޅުވި އެވެ.

އިނާން ވިދާޅުވީ މި ގެނައި ބަދާލާ ގުޅިގެން ކުންފުނީގެ އާމްދަނީ އިން ގެއްލިގެން ދާ ބައި ފޫބެއްދުމުގެ ގޮތުން ހޭންޑްލިން ވޯފޭޖުން ހަތް ޕަސެެންޓު އިތުރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް މިއީ ކޮންސައިނީ (ވިޔަފާރިވެރިން) އަމިއްލައަށް އެމްޕީއެލް އަށް ދައްކަން ޖެހޭ ފީއަކަށް ވުމުން ޑީއޯއަށް އިތުރު ފީއެއް ދައްކަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.