ކޮވިޑްގެ ސަބަބުން ޓޫރިޒަމް އިންޑަސްޓްރީގެ ވިޔަފާރިތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށް އީޔޫއިން ފޯރުކޮށްދީފައިވާ ހިލޭ އެހީގެ ދަށުން 9.8 މިލިއަން ރުފިޔާ 259 ވިޔަފާރިއަކަށް ދޫކޮށްފި އެވެ.

ޓޫރިޒަމްގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް އެހީވާން އީޔޫއިން ހަދިޔާ ކޮށްފައިވަނީ ދެ މިލިއަން ޔޫރޯ އެވެ.

އިކޮނޮމިކް މިނިސްޓްރީން މި އެހީ ދޫކުރުމުގެ މަސައްކަތް ހަވާލުކުރީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނާ އެވެ.

އީޔޫއިން ހަދިޔާކޮށްފައިވާ މިއެހީއަށް އެދި ހުށަހެޅުމަށް އެކޯޕަރޭޝަނުން ހުޅުވާލީ މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިހާތަނަށް ހިލޭ އެހީ ދޫކުރި ތަންތަނުގެ ތެރޭގައި ހިމެނެނީ 209 ގެސްޓްހައުސް އާއި 50 ސަފާރީއެއް ކަމަށެވެ. އަދި މި އެހީއަށްއެދި ހުށަހެޅޭނީ ރާއްޖޭގައި ހިންގާ ގެސްޓްހައުސްތަކާއި ސަފާރީތަކަށެވެ. މި އެހީއަށް އެދި ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 31 އެވެ.

މި އެހީއަށް އެދި ހުށައެޅުމުގެ ޝަރުތުތަކުގެ ތެރޭގައި ސައްހަ އޮޕަރޭޓިން ލައިސެންސެއް އޮވެ، 40 އެނދަށް ވުރެ މަދުން އޮޕަރޭޓްކުރާ ފަރާތަކަށް ވުން ހިމެނެ އެވެ. މި އެހީގެ ދަށުން ކޮންމެ ގެސްޓުހައުސްއެއް އަދި ސަފާރީއަކަށް އެހީ ދޫކުރަނީ އެނދަކަށް 2،453.76 ރުފިޔާގެ ރޭޓުންނެވެ.

މި އެހީގެ ފައިދާ ސީދާގޮތެއްގައި 561 ގެސްޓްހައުސްއަށް އަދި 126 ސަފާރީއަށް ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

އެހީއަށް އެދި ހުށަހެޅުއްވުމުގެ މަރުހަލާ އެމްއެފްއެމްސީގެ ފަރާތުން ވަނީ ވަރަށްވެސް ބޮޑަށް ފަސޭހަކޮށްފަ އެވެ. އެ އެޕްލިކޭޝަނާއެކު ހުށައަޅަން ޖެހޭނީ ހަމައެކަނި ގެސްޓްހައުސް ހިންގުމުގެ ލައިސަންސްގެ އިތުރުން ދިވެހި ރުފިޔާ އެކައުންޓުގެ އެއް މަސް ދުވަހުގެ ބޭންކް ސްޓޭޓްމަންޓެވެ. އެގޮތުން މައުލޫމާތު ފުރިހަމަ އެޕްލިކޭޝަންތަކަށް 14 ދުވަހުގެ ތެރޭގައި ފައިސާ ޖަމާކުރެ އެވެ.