ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

ބީއެމްއެލްއިން ބުނީ މިއަހަރުގެ އަހަރީ އާންމު ޖަލްސާ އޮންނާނީ މަހުގެ 29 ވާ އާދިއްތަ ދުވަހުގެ ރޭ 8:30 ގައި ހޮޓެލް ޖެންގަ ކަމަށެވެ.

އަހަރީ އާންމު ޖަލްސާ ކުރިއަށް ގެންދިޔުމަށް ހަމަޖެފައިވަނީ ޕްރީ-ރަޖިސްޓްރީ ކުރާ ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން ޖަލްސާއަށް ހާޒިރުވެގެންނާއި މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީގެ އޮންލައިން މީޓިން މެނޭޖްމެންޓް ސިސްޓަމް "ފަހިވޯޓް" މެދުވެރިކޮށްކަމަށްވެސް އެބޭންކުން ބުންޏެވެ.

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން އަދި ޕްރޮކްސީ ހޯލްޑަރުން މިމަހުގެ 9 ވަނަ ދުވަހުން 27 ވަނަ ދުވަހަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

މި ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ހަމަޖެހިފައިވަނީ މި މުއްދަތުގެ ނިޔަލަށް ރަޖިސްޓްރީ ފުރިހަމަކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ބީއެމްއެލްއިން ބުނެ އެވެ.

މިޖަލްސާގައި ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އިންތިހާބު ކުރުމާއި މިދިޔަ އަހަރު ބީއެމްއެލްއަށް ލިބުނު ފައިދާ އިން ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ އަދަދު އަހަރީ ޖަލްސާގައި ފާސްކުރާނެ އޮންނާނެ ކަމަށް ބީއެމްއެލްއިން ހާމަކުރެ އެވެ.

ބީއެމްއެލް ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ ހިއްސާއަކަށް 13 ރުފިޔާ ބެހުމަށް އަހަރީ އާއްމު ޖަލްސާއަށް ހުށަހެޅުމަށެވެ.

މިދިޔަ އަހަރު ބީއެމްއެލް އަށް ފައިދާގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އާމްދަނީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ލިބުނެވެ.