ކަރަންޓް އުފެއްދުމަށް ތެޔޮ ބޭނުންކުރާ މިންވަރު ކުޑަ ކުރުމަށްޓަކައި މާލޭގައި ދެ މެގަވޮޓުގެ ހަކަތަ އުފެއްދޭނެ ސޯލާ ޕެނަލް ޖެހުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ސްޓެލްކޯއިން ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އަވިން ހަކަތަ އުފެއްދުމަށް އެކުންފުނިން ފަށާފައިވާ މަސައްކަތާ ބެހޭ ގޮތުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝަރީފް ވިދާޅުވީ މާލޭގައި ދެ މެގަވޮޓްގެ ހަކަތަ އުފެއްދުމުގެ ބޮޑު މަޝްރޫއެއް މިއަހަރު ތެރޭގައި ފެށޭނެ ކަމަށެވެ.

އެންވަޔަރުމަންޓް މިނިސްޓްރީން ހުއްދަ ލިބުމާއެކު އެ މަސައްކަތް ފެށޭނެކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ މާލޭގައި ވެސް ބައެއް ގޭގޭގެ ފުރާޅު ކުއްޔަށް ނަގައިގެން ސޯލާ ހަރުކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ. އަދި ޑީސަލްގެ ބަދަލުގައި އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުން ވެގެންދާނީ ރައްޔިތުންނަށް ދޭ ހިދުމަތުގެ އަގު ކުޑަވެގެންދާނެ ކަމަކަށްވެސް އޭނާ ވިދާޅުވި އެވެ

"މާލޭގެ އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ގޭގޭ ފުރާޅުތައް ރެންޓަށް (ކުއްޔަށް) ހިފާނީ. އެއަށްފަހު ފުރާޅުތަކުގައި އަވިން ކަރަންޓު އުފައްދަން ސޯލާ ޕެނަލްތައް ޖަހައިގެން، ދޭ ރެންޓަކީ އެ ގެޔެއްގެ ބިލުން ޑިސްކައުންޓް ކުރެވޭ އެއްޗަކަށް ހަދަން،" ޝަރީފް ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އަވިން ހަކަތަ އުފެއްދުމުގެ އިތުރުން ސްޓެލްކޯއިން އަންނަނީ ބަޔޯފިއުލް ނުވަތަ ބަޔޯގޭސް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމާ ގުޅޭ ދިރާސާތަކެއް ކުރަމުން ކަމަށެވެ.

ގްރޭޓާ މާލެ ސަރަހައްދުގައި ދުވަހެއް ދުވަހަކަށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވަމުން އަންނާތީ އެކަމަށް ހައްލެއް ހޯދުމަށް ސްޓެލްކޯއިން ކުރަމުން އަންނަ މަސައްކަތްތަކާއި ބެހޭ ގޮތުން ޝަރީފް ވިދާޅުވީ 70 މެގަވޮޓްގެ އިންޖީނުގެޔެއް އެޅުމަށް ޕްލޭން ކުރަމުން އަންނަ ކަމަށެވެ.

"އިންޖިނިއަރުންނާ ވާހަކަ ދައްކައިގެން 2030 އާ ހަމައަށް އިތުރަށް ޕަވާ ޕްރޮޖެކްޓެއް ނުހިންގާ ވާނެ ގޮތަށް 70 މެގަވޮޓަށް ބަދަލުރުކުރީ،" އޭނާ ވިދާޅުވި އެވެ.