ދުބާއީގައި ބާއްވާ މެދު އިރުމަތީގެ އެންމެ ބޮޑު ޓްރެވެލް ޓްރޭޑް ފެއާ އަރަބިއަން ޓްރެވެލް މާކެޓް (އޭޓީއެމް) ގައި ރާއްޖެ ޕްރޮމޯޓު ކުރުމުގެ މަސައްކަތް 62 ކުންފުންޏާއެކު އެމްއެމްޕީއާރްސީން ފަށަފި އެވެ.

ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި މިމަހުގެ 9 އިން 12 އަށް ކުރިއަށް ގެންދާ މި ފެއާގައި ރާއްޖޭގެ 62 ކުންފުންޏަކުން ބައިވެރިވެ އެވެ. މިއީ މިފަދަ ފެއާއެއްގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ އެންމެ ބޮޑު ޓީމެވެ. އަދި މިއީ މިއަހަރު މިހާތަނަށް އެމްއެމްޕީއާރްސީން ބައިވެރިވާ އެންމެ ބޮޑު ހަރަކާތެވެ.

އެމްއެމްޕީއާރުސީން ބުނީ މި ހަރަކާތަކީ ދުނިޔޭގެ ޓޫރިޒަމް މަންޒިލްތަކާއި ޓޫރިޒަމްގެ ހިދުމަތްތައް އަދި ޕްރޮޑަކްޓްތައް ވިއްކާ ފަރާތްތައް އެއް ތަނަކުން ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދީ، ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވިޔަފާރީގެ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ބާއްވާ ހަރަކާތެއް ކަމަށެވެ.

އޭޓީއެމް 2022 ބައިވެރިވުމާއި ގުޅޭގޮތުން އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބް މުހައްމަދު ވިދާޅުވީ މިއީ މަތީ ފަންތީގެ ފަތުރުވެރިކަމަ ކަމަށް ރާއްޖެ އިސްތިހާރުކުރުމަށް ލިބޭ އަގުހުރި ފުރުސަތެއް ކަމަށެވެ. އަދި މެދު އިރުމަތީ މާކެޓަކީ ތަފާތު އަދި މަތީ ފަންތީގެ ތަޖުރިބާ ބޭނުންވާ މާކެޓެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދުބާއީގައި ބާއްވާ އަރަބިއަން ޓްރެވެލް މާކެޓް (އޭޓީއެމް)ގައި ރާއްޖެ ޕްރޮމޯޓު ކުރަނީ. މިއީ މެދު އިރުމަތީގައި ބާއްވާ އެންމެ ބޮޑު ޓްރެވެލް ޓްރޭޑް ފެއާ. ފޮޓޯ: އެމްއެމްޕީއާރުސީ

"ރާއްޖެއަކީ މިފަދަ ޙިދުމަތްތައް ފުޅާދައިރާއެއްގައި ދޭ ގައުމަކަށްވެފައި ރާއްޖެއާއި ބެހޭ މިފަދަ ހުރިހާ މައުލޫމާތެއް މި ފެއަރގެ ތެރެއިން ފޯރުކޮށްދެވޭނެ. މީގެ އިތުރުން ރާއްޖެ ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންގެ ލަގަބު ހޯދީ ކިހިނެތްކަން މި ސަރަހައްދުގެ ފަތުރުވެރިންނަށް އަންގައިދެވޭނެ،" ތޮއްޔިބު ވިދާޅުވި އެވެ.

މި ހަރަކާތުގެ ތެރެއިން ރާއްޖެއިން މުހިންމު ބައްދަލުވުންތަކާއި، ނެޓްވޯކިން ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައި ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ. އަދި މި އިވެންޓްގެ ހަވާސާގައި އެމްއެމްޕީއާރުސީ ގަތަރު އެއާވޭސް ހާއްސަ އެމްއޯޔޫއެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެމްއެމްޕީއާރްސީން ބުނީ މީގެ އިތުރުން، ރާއްޖޭ ޓޫރިޒަމްގެ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދިނުމަށާއި، ޓޫރިޒަމްގެ ދާއިރާގެ ރަންޔޫބީލާ ގުޅޭ ވަކި ޕްރެސް ކޮންފަރެންސެއް ވެސް އޭޓީއެމް ހަރަކާތުގެ ހަވާސާގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދުބާއީގައި ބާއްވާ އަރަބިއަން ޓްރެވެލް މާކެޓް (އޭޓީއެމް)ގައި ރާއްޖެ ޕްރޮމޯޓު ކުރަނީ. މިއީ މެދު އިރުމަތީގައި ބާއްވާ އެންމެ ބޮޑު ޓްރެވެލް ޓްރޭޑް ފެއާ. ފޮޓޯ: އެމްއެމްޕީއާރުސީ

އޭޓީއެމް 2022ގެ ތެރެއިން މެދުއިރުމަތީގެ މާކެޓުގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ އެކަށީގެންވާ އަދި ރައްކާތެރި މަންޒިލްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސެގްމެންޓްތައް ކަމަށްވާ ލަގްޒަރީ، ހަނީމޫން، ރޮމޭންޓިކް، ފެމިލީ އަދި އެޑްވެންޗާގެ އިތުރުން މައިސްގެ ކްލައިންޓުންނަށް ރާއްޖެއިން ލިބޭ ހިދުމަތްތައް މި ހަރަކާތް މެދުވެރިކޮށް އިޝްތިހާރުކުރުމުގެ ފުރުސަތު ލިބޭ ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ. އަދި ރާއްޖޭގެ ރިޒޯޓް، ހޮޓެލް، ގެސްޓް ހައުސް، އަދި ލިވަބޯޑުތަކުގެ މައުލޫމާތާއި، ރާއްޖެއިން ޓޫރިސްޓުންނަށް ލިބޭ ތަފާތު ތަޖުރިބާތައް މެދުއިރުމަތީގެ ފަރާތްތަކަށް އިޝްތިހާރުކުރުން ވެސް ހިމެނޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެމްއެމްޕީއާރްސީން ވިދާޅުވީ ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނެ އަސަރާއި ގުޅޭ ގޮތުން އެމްއެމްޕީއާރްސީން އެކުލަވާލާފައިވާ ޝޯޓް-ޓާމް ސްޓްރެޓެޖީގެ ދަށުން އެހެން މާކެޓުތަކުގައި ރާއްޖެ ކުރިއެރުވުމަށް ހިނގާ ހަރަކާތްތަކުގެ ބަޔަކަށް ވެސް އޭޓީއެމް 2022 ވެގެންދާ ކަމަށެވެ.