ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމެހެއްޓެނެވި ތަރައްގީއާއި ތިމާވެށްޓާއި ގުޅުންހުރި ޕްރޮޖެކްޓްތައް ހިންގުމަށް ޖަމިއްޔާތަކަށް އަމާޒުކޮށް ތައާރަފްކުރި ސްމޯލް ގްރާންޓްސްއަށް ހުށަހެޅުމުގެ މުއްދަތު މިމަހުގެ 15 ވަނަ ދުވަހަށް ހަމަވާނެ ކަމަށް ބީއެމްއެލްއިން ބުނެފި އެވެ.

ބީއެމްއެލްއިން ބުނީ މި ފަންޑަށް ހުށަހެޅޭ ޕްރޮޖެކްޓްތަކުގެ ތެރެއިން އަށް ޕްރޮޖެކްޓް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 250،000 ރުފިޔާގެ ހިލޭ އެހީ ދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ. އަދި މިފަންޑަށް ކުރިމަތިލެވޭނީ މިދިޔަ އަހަރުގެ ޑިސެންބަރުގެ މަހުގެ 31 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށް ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ ބީއެމްއެލް ސްމޯލް ގްރާންޓްސްގެ ދަށުން މުޖުތަމައަށް ފައިދާކުރަނިވި އަދި ތިމާވެށީގެ މައްސަލަތަކަށް އަމާޒުކޮށް ހިންގޭ ކުދި އަދި މެދު ފަންތީގެ ޕްރޮޖެކްޓްތަކަށް ހިލޭ އެހީ ލިބިގެންދާނެ ކަމަށެވެ.

މި އެހީއާކު ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދައިދެވި، މުޖުތަމައުއަށް ދެމެހެއްޓެނިވި ތަރައްގީ ގެނެވި ހެޔޮ ބަދަލުތަކެއް އަންނާނެކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ބީއެމްއެލްގެ އަމާޒަކީ މި ދާއިރާގައި މަސައްކަތް ކުރައްވަމުންދާ ވީހާ ވެސް ގިނަ ޖަމިއްޔާތަކަކުން މި ފުރުސަތުގެ ބޭނުންކުރުންކަން ސައީދު ވިދާޅުވި އެވެ.