ރާއްޖޭގެ ފަތުރުވެރިކަން ފުޅާ ދާއިރާއެއްގައި އިސްތިހާރު ކުރުމަށް އެމްއެމްޕީއާރްސީން ގަތަރު އެއާވޭސްއާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މިއެއްބަސްވުމުގައި އެމްއެމްޕީއާރްސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދެވެ. ގަތަރު އެއާވޭސް އިން ސޮއިކުރެއްވީ ޗީފް ކޮމާޝަލް އޮފިސަރު ތިއެރީ އެންޓިނޯރީ އެވެ.

ދުބާއީގައި މިހާރު ކުރިއަށް ގެންދާ އަރަބިއަން ޓްރެވަލް މާކެޓް ފެއާގައި ސޮއިކުރި މި އެއްބަސްމުގެ ދަށުން އެމްއެމްޕީއާރްސީ އާއި ގަތަރު އެއާވޭސްއާ ގުޅިގެން ބިޒްނަސް ޓު ބިޒްނަސް އަދި ބިޒްނަސް ޓު ކަސްޓަމާ ކެމްޕެއިންތައް ހިންގާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މީގެ އިތުރުން މީޑިއާގައި ނުފޫޒުގަދަ މީހުންނާއި ޓްރެވެލް ޕާޓްނަރުންނަށް ރާއްޖެ ތައާރަފު ކުރުމުގެ ހާއްސަ ދަތުރުތައް ބޭއްވުމާއި ވިޔަފާރީގެ ޕާޓްނަރުންނާ ގުޅިގެން އެކި ހަރަކާތްތައް ވެސް އެއްބަސްވުމުގައިވާ ގޮތުން ކުރިއަށް ގެންދާނެ އެވެ.

ރާއްޖެއަށްބައިނަލްއަގްވާމީ 35 އެއާލައިނެއް އޮޕަރޭޓްކުރެ އެވެ. އޭގެ ތެރެއިން ގަތަރު އެއާވޭސްއަކީ ރާއްޖެއަށް ދަތުރުކުރާ ބޮޑެތި އެއާލައިންތަކުގެ ތެރެއިން އެންމެ ގިނަ ދުވަހު ދަތުރުކުރަމުން އަންނަ އެއް އެއާލައިނެވެ. ގަތަރު އެއާވޭސްއިން ރާއްޖެއަށް ދަތުރުކުރާތާ މިދިޔަ އަހަރުގެ ޑިސެމްބަރަށް 20 އަހަރު ވަނީ ފުރިފަ އެވެ.