ރާއްޖޭގެ ލަގްޒަރީ ޓޫރިޒަމްގެ ތަޖުރިބާތައް މެދުއިރުމަތީގެ މާކެޓްގައި އިސްތިހާރުކުރަން އެމްއެމްޕީއާރުސީން އިންޓަނޭޝަނަލް ލަގްޒަރީ ޓްރެވަލް މާކެޓް (އައިއެލްޓީއެމް) އެރެބިއާގައި ބައިވެރިވެއްޖެ އެވެ.

މިއީ މެދުއިރުމަތީގައި ބާއްވާ ލަގްޒަރީ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ހަރަކާތެވެ.

ދުބައީ ވޯލްޑް ޓްރޭޑް ސެންޓަރުގައި މިހާރު ކުރިއަށްދާ އައިއެލްޓީއެމް އެރެބިއާ އޮންނާނީ މިއަދުގެ ނިޔަލަށެވެ. މިއީ އޭޓީއެމް 2022ގެ ހަވާސާގެ ތެރެއިން ކުރިއަށްދާ ހަރަކާތެކެވެ.

އޭޓީއެމްގެ ވަކި ޒޯނެއްގައި ކުރިއަށްދާ އައިއެލްޓީއެމް ހަރަކާތަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންނަށް މި ދާއިރާގެ މާކެޓިން އަދި ސޭލްސް އާއި ގުޅޭ މައުލޫމާތުދީ ފުރުސަތުތައް ފަހިކޮށްދޭ ހަރަކާތެކެވެ. މި ފެއާއަށް ދުނިޔޭގެ އެންމެ ބޮޑެތި ހޮސްޕިޓަލިޓީ ބްރޭންޑުތަކާއި، ޓްރެވަލް ޑިޒައިނަރުންނަށް ބައްދަލުވުންތައް ބޭއްވުމަށް މަގުފަހިކޮށްދޭ ހަރަކާތެއް ވެސް މެ އެވެ.

މިގޮތުން މަތީފަންތީގެ ފަތުރުވެރިކަމުގެ ހިދުމަތްދޭ ފަރާތްތަކާއި، ޓްރެވަލް އެޖެންޓުން ބައްދަލުކޮށް ވިޔަފާރީގެ އެއްބަސްވުންތައް ގާއިމްކުރެ އެވެ. މިއީ ހާއްސަކޮށް މެދުއިރުމަތީގެ ބަޙްރެއިނުން ފެށިގެން ޔަމަނާ ހަމައަށް އޮންނަ ގައުމުތަކުގައި މަތީ ފަންތީގެ ފަތުރުވެރިކަމުގެ ތަޖުރިބާ ހޯދަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް ބާއްވާ ހަރަކާތެއް ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.

އެ ކުންފުނިން ބުނިގޮތުގައި މި ހަރަކާތުގައި ބައިވެރިވެ ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަން، ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ އެންމެ މަތީ ފަންތީގެ ފަތުރުވެރިކަމުގެ ތަޖުރިބާތައް އިޝްތިހާރުކުރާނެ އެވެ. އަދި މެދުއިރުމައްޗާއި، ދުނިޔޭގެ އެހެން ކަންކޮޅުތަކުން މިފަދަ ހިދުމަތްތައް ބޭނުންވާ ފަރާތްތަކާއެކު މި ހަރަކާތުގައި އެމްއެމްޕީއާރުސީއިން ގުޅުން ބަދަހިކުރާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.

އޭގެ އިތުރުން މެދުއިރުމައްޗާއި، އެހެން ގައުމުތަކުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ރާއްޖޭގެ ލަގްޒަރީ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި، ހިދުމަތްތަކުގެ މައުލޫމާތާއި، ތަފާތު ތަޖުރިބާތައް އަންގައިދޭނެ ވެސް އެ ކުންފުނިން ބުނެ އެވެ.

މިދިޔަ އަހަރު މެދުއިރުމަތިން 91،413 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި އެވެ. އޭގެ ތެރެއިން ސައުދީ އަރަބިޔާއަކީ މިދިޔަ އަހަރު ދިވެހިރާއްޖެއަށް 7 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައި މާކެޓެވެ. މި އަހަރު މާރޗް މަހުގެ ނިޔަލަށް 21،117 ފަތުރުވެރިން ވަނީ މެދުއިރުމަތިން ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ.

އެމްއެމްޕީއާރުސީން ބުނީ ރާއްޖޭގެ ރީތި ނަން މެދުރިރުމަތީގައި ދަމަހައްޓާ، ރާއްޖެ އިސްތިހާރުކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ވެސް ރާވާފައިވާ ކަމަށެވެ.