ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކުގެ އިންސްޓޯލްމަންޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވާ ގޮތްތައް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އާއްމުކޮށްފި އެވެ.

އެޗްޑީސީއިން ބުނީ ހިޔާ ފްލެޓްތަކުގެ ކުލި ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެޗްޑީސީ އިމާރާތުގެ ގްރަންއުންޑް ފްލޯގެ ރިސެޕްޝަންގައި ހުންނަ އެޗްޑީސީ ކަލެކްޝަން ކައުންޓަރުން ހިޔާ ފްލެތްގެ 11 ވަނަ ޓަވަރުގެ ގްރައުންޑް ފްލޯގައި ހުންނަ މެނޭޖްމަންޓް އޮފީހުން ކަމަށެވެ. ފައިސާ ބަލައިގަތުން ކޮންމެ އާދިއްތަ ދުވަހަކުން ފެށިގެން ބުރާސްފަތި ދުވަހެއްގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ 9:00 އިން ފެށިގެން މެންދުރު 2:00 އަށް ފައިސާ ބަލައިގަތުން ކުރިއަށްދާނެ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.

މީގެ އިތުރުން މައިހުޅުމާލެ ޕޯޓަލް my.hdc.com.mv އަދި ކުއިކްޕޭ payments.hdc.com.mv/Quickpay މެދުވެރިކޮށް ކޮންމެ ގަޑިއެއްގައި ވެސް ފައިސާ ދެއްކޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 25 ބުރި ހިމެނޭ ހިޔާގެ ފްލެޓްތަކުން މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެޗްޑީސީން ވަނީ އިންސްޓޯލްމަންޓް ފީ ނަގަން ފަށާފަ އެވެ.

ހިޔާ ހައުސިން ޔުނިޓްތަކުގެ އިންސްޓޯލްމަންޓް ފީ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވަނީ މަހަކު 7،500 ރުފިޔާ އެވެ. އަދި މެއިންޓަނަންސް ފީގެ ގޮތުގައި އިތުރު 1،000 ރުފިޔާއާއެކު، ފްލެޓްތަކުގެ ވެރިން މަހަކު 8،500 ރުފިޔާ އެޗްޑީސީއަށް ދައްކަން ޖެހޭނެ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީ ކޮށްފައިވަނީ 6،720 ހައުސިން ޔުނިޓެވެ. ފްލެޓްތަކުގެ އެގްރިމެންޓްގައި ފްލެޓްތަކުގެ ވެރިންނާއެކު ސޮއިކޮށް، ފްލެޓްތައް ދޫކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.