ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި މީރާއިން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދެއް ގެޒެޓްކޮށްފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާއިން ބުނީ އެ ގަވާއިދަކީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ބާރު ލިބިގެން އަދި މީރާގެ އިޚްތިސާސް ހިމެނޭ ދާއިރާތަކާއި ކަންކަމުގެ ތެރެއިން، ޓެކުހާ ގުޅޭ ޖިނާއީ ކުށުގެ ތަހުގީގުތައް ކުރިޔަށް ގެންދިއުމުގައި މީރާއިން އަމަލުކުރާނެ އުސޫލު ބަޔާންކޮށް ތައްޔާރުކޮށްފައިވާ ގަވައިދެއް ކަމަށެވެ. އަދި، އެ ގަވައިދަކީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުން މީރާއަށް ދީފައިވާ ބާރުތަކުގެ ބޭރުން އިތުރު ބާރުތަކެއް ލިބިދޭ ގަވާއިދެއްނޫން ކަމަށް ވެސް މީރާއިން ބުންޏެވެ.

މީރާއަކީ، 2010 ވަނަ އަހަރު ތަސްދީގުކޮށްފައިވާ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން ތަހުގީގު ކުރުމުގެ ބާރު ލިބިފައިވާ މިނިވަން، މުސްތަގިއްލު، މުއައްސަސާއެކެވެ.

މީރާއިން ބުނިގޮތުގައި، އެ ގަވައިދުގައި، ޓެކުހާގުޅޭ ކުށެއް ކޮށްފިކަން، ނުވަތަ ކުށެއް ކުރާކަމުގެ، ނުވަތަ ކުށެއް ކުރަން އުޅޭކަމުގެ މައުލޫމާތު މީރާއަށް ހުށަހެޅުމުން، މީރާއިން އަމަލުކުރާނެ ގޮތާއި، މައްސަލަ ހުށަހެޅުމުގައި އަމަލުކުރާނެ އުސޫލުތައް ހިމަނާފައިވެ އެވެ. އަދި، މީރާއިން ކުރިޔަށްގެންދާ ތަހުގީގަކާ ގުޅިގެން މީހުން ހާޒިރުކުރުމާއި ސުވާލުކުރުމުގައި އަމަލުކުރާނެ އުސޫލުތައް އެ ގަވާއިދުގައި ކަނޑައަޅާފައިވާނެ ކަމަށް ވެސް މީރާއިން ބުންޏެވެ.

މީގެ އިތުރުން، މި ގަވާއިދުގައި މީރާއިން ކުރިޔަށްގެންދާ ތަހުގީގަކާ ގުޅިގެން، ބަލައި ފާސްކުރުމާއި ތަކެތި ހިފެހެއްޓުމުގައި އަމަލުކުރާނެ އުސޫލުތައް، އަދި މި ފަދަ ތަހުގީގަކާ ގުޅިގެން ޕާސްޕޯޓް ހިފެހެއްޓުމާއި ބޭންކް އެކައުންޓު މޮނިޓަކުރުމާއި އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުމުގައި ޢަމަލުކުރާނެ އުސޫލުތައް ވެސް ކަނޑައަޅާފައިވާ ކަމަށް މީރާއިން ބުންޏެވެ.