ބ. ކެންދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމަށް ހޮޅި ވަޅުލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޑަބްލިޔުއެސްސީއިން މިއަދު ބުނެފި އެވެ.

އެ ކުންފުނިން ބުނީ ކެންދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައި، މިހާރު އަންނަނީ މި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިގޮތުން، ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ހޮޅި އާއި އެހެނިހެން ތަކެތި ކެންދޫއަށް ވަނީ ގެންދެވިފަ އެވެ. އަދި މިހާރު ކުރިއަށްދާ މަސައްކަތްތަކަކީ ފެނާއި ނަރުދަމާ ނިޒާމްގައި ހިމެނޭ މައި ނެޓްވޯރކްގެ ހޮޅި ވަޅުލުމުގެ މަސައްކަތާއި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމުގެ މަސައްކަތް ކަމަށް ވެސް އެމްޑަބްލިޔުއެސްސީއިން ބުނެ އެވެ.

މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ކެންދޫގައި 5.26 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމް ކުރުމާއި، އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި ދެ އާރު.އޯ ޕްލާންޓް އަދި ފެން ރައްކާކުރުމަށްޓަކައި ތިން ތާނގީ ބެހެއްޓުން ހިމެނެ އެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވޭނެ އެވެ.

މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ކެންދޫގައި 4.88 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކެއް ގާއިމްކުރުމާއި، 556 މީޓަރގެ ޕަންޕިން ލައިން އެޅުމާއި، ދެ ޕަންޕިން ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ގާއިމްކުރުން ހިމެނެ އެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދާނެ އެވެ. މީގެ އިތުރުން މިމަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ކެންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއުއަކީ 56.24 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މިމަޝްރޫއުގެ މަސައްކަތް ނިމުމުން ކެންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެ އެވެ.