ތިލަމާލެ ބްރިޖަށް ބޭނުންވާ ކޮންކުރީޓް ސަޕްލައިކުރަން އެފްކޮން އިންފްރާސްރަކްޗާ ލިމިޓެޑުން އެސްޓީއޯއާ ހަވާލުކޮށްފި އެވެ.

މިކަމަށްޓަކައި އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެސްޓީއޯގެ ސީއީއޯ ހުސެއިން އަމްރު މުހައްމަދު ރަޝާދު އެވެ. އެފްކޮންގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ ޕްރޮޖެކް މެނޭޖަރު ވީ. މަދުސްދަނަން އެވެ.

އެއް އަހަރު ދުވަހަށް ސޮއިކުރި މި އެގްރީމަންޓްގެ ދަށުން 7،500 ކިއުބިކް މީޓަރުގެ ރެޑީމިކްސް ކޮންކުރީޓް ގަތުމަށް އެފްކޮންއިން ވަނީ އެއްބަސްވެފަ އެވެ.

މިޕްރޮޖެކްޓަށް ކޮންކްރީޓް ސަޕްލައިކުރަން ވޭތުވެދިޔަ ފަސް މަސްދުވަހުގެ ތެރޭގައި މިކަމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް އެސްޓީއޯއިން ފުރިހަމަ ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މިގޮތުން ސަޕްލައިކުރާ ކޮންކްރީޓަކީއަކީ ހައި ސްޓްރެންތު ކޮންކްރީޓަށްވުމާއެކު އެކަމަށް ބޭނުންވާ އިތުރު ވަސީލަތްތައް އެސްޓީއޯގެ ރެޑީމިކްސް ޕްލާންޓުގައި މިހާރު ގާއިމުކޮށްފައިވާ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.

ރާއްޖޭގައި ހިންގޭ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މި ޕްރޮޖެކްޓަށް ކޮންކްރީޓް ސަޕްލައި ކުރުމަށް އެސްޓީއޯއަށް ފުރުސަތު ލިބިގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމުގައި އެސްޓީއޯއިން ދެކެ އެވެ.

ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖްގެ މަސައްކަތް މިދިޔަ 2021 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 26 ވަނަ ދުވަހު ހަވާލުކޮށްފައި ވަނީ އިންޑިއާގެ އެފްކޮން ކުންފުންޏާ އެވެ.

ގްރޭޓަ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫޢުގެ ދަށުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާނެ އެވެ.