ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވިއައިއޭ)ގައި އަލަށް ހެދި ޒަމާނީ ފެންވަރުގެ ސީޕްލޭން ޓާމިނަލް، އެއާލައިން އޮޕަރޭޓަރުން ބޭނުންކުރަން ފަށައިފި އެވެ.

އާ ސީޕްލޭން ޓާމިނަލަކީ އެމްއޭސީއެލް އިން ހަރަދުކޮށްގެން ހަދާފައިވާ ތަނެކެވެ.

ސީޕްލޭން އޮޕަރޭޓްކުރާ ކުންފުނިތަކުން ހުރިހާ ހިދުމަތްތަކާއެކު އާ ޓާމިނަލް ރަސްމީކޮށް ބޭނުންކުރަން ފަށަން އެމްއޭސީއެލް އިން ހަމަޖައްސާފައި ވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެންނެވެ.

ނަމަވެސް އެ އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ސީޕްލޭންގެ ހިދުމަތް ދެމުން އަންނަ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އާއި މަންޓާ އެއާ އިން ވެސް ބައެއް ހިދުމަތްތައް މިހާރު އާ ޓާމިނަލުން ދޭން ފަށާފައިވާ ކަމަށެވެ.

"މަންޓާ އާއި މޯލްޑިވިއަންއަށް ވެސް ތެޔޮ އަޅަނީ އެތަނުން. މިއީ އެމްއޭސީއެލްއަށް ކުރީގެ ނުވާ ކަންތައް. ނަމަވެސް މިހާރު އެކަން ވެސް ކުރެވިދާނެ ކަމުގެ ކޮންފިޑެންސް ލިބިއްޖެ،" އޭނާ ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވީ ޓީއެމްއޭ އާއި މަންޓާގެ އޮފީސްތައް ވެސް ބަދަލުކޮށްފައިވާ ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހެދި ސީޕްލޭން ޓާމިނަލްގެ އެެތެރެ. ފޮޓޯ: އެމްއޭސީއެލް

"ޓީއެމްއޭއިން ފަސިންޖަރުންނަށް ހިދުމަތެއް ނުދޭ. ނަމަވެސް އެ މީހުން ހުރިހާ އޮފީސްތަކެއް އާ ޓާމިނަލަށް ބަދަލުކޮށްފި. މަންޓާ އިން ފަސިންޖަރުންނަށް ވެސް ހިދުމަތް ދޭން ފަށައިފި ދުވަސްކޮޅެއް ކުރިން،" އޭނާ ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވީ ޓީއެމްއޭގެ މުޅި އޮޕަރޭޝަން އަންނަ އާދިއްތަ ދުވަހުން ފެށިގެން އެތަނަށް ބަދަލުވާން ނިންމާފައިވާ ކަމަށެވެ.

މަންޓާ އެއާގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ އެއާލައިނުން އާ ޓާމިނަލްގެ ޑޮކްތައް ބޭނުންކުރަން ފެށިތާ ދެ މަހެއްހާ ދުވަސް ވެދާނެ ކަމަށެވެ. އަދި ލައުންޖް ވެސް މިހާރު ބޭނުންކުރަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ބަރާބަރަށް އޮޕަރޭޝަން ކުރިޔަށް އެބަދޭ. މިހާރު އާ ޓާމިނަލަށް އޮފީހާއި އޮޕަރޭޝަން ބަދަލުކޮށްފައިވާނީ،" އެ އޮފިޝަލް ވިދާޅުވި އެވެ.

ޓީއެމްއޭގެ އޮފިޝަލަކު ވެސް މިއަދު ވިދާޅުވީ އެ އެއާލައިންގެ އޮޕަރޭޝަންގެ ބޮޑު ބައި މިހާރު އާ ޓާމިނަލަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން ފްލައިޓް ޑިސްޕެޗާއި އެޗްއާރު، އައިޓީ އަދި އިތުރު އޮފީސްތައް ވެސް އާ ޓާމިނަލަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފަސިންޖަރުންނަށް ހިދުމަތް ދޭން އަދި ނުފެށޭ. އެކަމަށް ވެސް ތައްޔާރުވަމުން މިދަނީ. މިއަދު އެނގޭނެ އާދީއްތަ ދުވަހުން ފެށިގެން މުޅި އޮޕަރޭޝަން ބަދަލުވޭނެ ކަން،" އެ އޮފިޝަލް ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހެދި ސީޕްލޭން ޓާމިނަލްގެ އެެތެރެ. ފޮޓޯ: އެމްއޭސީއެލް

ކުރީގެ ސަރުކާރުން ހުޅުލޭ ފަޅުން ބިން ހިއްކައިގެން ހަތަރު ބުރިއަށް ހަދާފައިވާ އާ ޓާމިނަލްގައި ލައުންޖާއި އެހެން ކަންކަމަށް ބޭނުންކުރެވޭ ގޮތަށް 28،000 އަކަމީޓަރުގެ ޖާގަ ހިމެނެ އެވެ.

އެމްއޭސީއެލް ޒަމާނީ ފެންވަރަށް ތަރައްގީ ކުރި މި ޓާމިނަލްގައި ސީޕްލޭން ޕާކް ކުރުމަށް 80 އަށް ވުރެ ގިނަ ޑޮކިން ޕްލެޓްފޯމް އަޅާފައިވެ އެވެ. އަދި ފްލޯ އޭރިއާ އާއި ލައުންޖާއި ބޯޑިން ގޭޓްތަކަށް ވެސް 50 ޕަސެންޓް ޖާގަ ބޮޑެވެ. އޭގެ އިތުރުން، ޓާމިނަލްގައި އެރައިވަލް ލޮބީ އާއި ވީއައިޕީގެ ޚިދުމަތް ވެސް އަލަށް ހެދި ޓާމިނަލުން ލިބޭނެ އެވެ.

އާ ޓާމިނަލް މިވަގުތު ބޭނުންކުރާނީ ޓީއެމްއޭ އާއި މަންޓާ އެކަންޏެވެ. މޯލްޑިވިއަނުން ބޭނުންކުރާނީ އެ ކުންފުނިން ހަދާފައިވާ އަމިއްލަ ޓާމިނަލެވެ.