މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު އިތުރުވެ، ދައުލަތަށް އާމްދަނީގެ ގޮތުގައި 1.63 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ހާމަކޮށްފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އޭޕްރީލްމަހު ލިބުނު އާމްދަނީއަކީ މިދިޔަ އަހަރުގެ އޭޕްރީލް މަހު މީރާއަށް ބަލައިގަތް އާމްދަނީއާ އަޅާބަލާއިރު 14.7 ޕަސެންޓް އިތުރު އަދަދެކެވެ. މީގެ އިތުރުން މިދިޔަ މަހު ބަލައިގަތް އާމްދަނީއަކީ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 45.8 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް މީރާއިން ބުނެ އެވެ.

އެ އިދާރާއިން ބުނީ މިދިޔަ އަހަރުގެ އެޕްރީލް މަހު ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިދިޔަ އަހަރުގެ އޭޕްރީލް މަހު ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ރާއްޖެއަށް ޒިޔާރާތްކުރި ޓޫރިސްޓުން އައި އަދަދު އިތުރުވުމާއެކު، ޓޫރިޒަމް ދާއިރާއާ ގުޅުންހުރި ޓެކްސްތަކުން ލިބިފައިވާ އާމްދަނީ އިތުރުވުމާއި، އެއާޕޯޓް ޓެކުހާއި ފީ ނެގުމުގެ ގާނޫނަށް ގެނައި އިސްލާހާއެކު އާމްދަނީއަށް ލިބިފައިވާ ކުރިއެރުމުން ކަމަށެވެ. އަދި ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ (ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ)ގެ ގޮތުގައި ބޮޑު އާމްދަނީއެއް ލިބިފައިވުމާއެކު ޖުމްލަ އާމްދަނީއަށް ލިބުނު ކުރިއެރުމެއް ކަމަށް ވެސް މީރާއިން ބުނެ އެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ 60.0 ޕަސެންޓް ނުވަތަ 977.88 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީއިންނެވެ. އެއީ 9.4 ޕަސެންޓް ނުވަތަ 153.60 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން، އިންކަމް ޓެކްސްގެ ގޮތުގައި 124.72 މިލިއަން ރުފިޔާ (7.7ޕަސެންޓް)، ގްރީން ޓެކްސްގެ ގޮތުގައި 87.25 މިލިއަން ރުފިޔާ (5.4ޕަސެންޓް)، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 76.71 މިލިއަން ރުފިޔާ (4.7 ޕަސެންޓް) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 210.12 މިލިއަން ރުފިޔާ (12.9ޕަސެންޓް) ލިބިފައިވެ އެވެ.

މިދިޔަ އެޕްރީލް މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 72.65 މިލިއަން ޑޮލަރު ހިމެނެ އެވެ.