މި އަހަރުގެ ވޯލްޑް ކަޕް ރަސްމީ ބޯޅަ، "އަލް ރިހްލާ" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއަށް އުރީދޫގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް ހަމާދީ ވެދުމަށް މިއަދު އަރުވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ޚާލިދު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ޑިޖިޓަލް ދިވެހި ރާއްޖެއެއް މެދުވެރިކޮށް ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށް ސަރުކާރާއި އެހެނިހެން މުއައްސަސާތަކާއި ގުޅިގެން ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

އުރީދޫން ބުނީ މި މަޝްވަރާގައި އުރީދޫއިން ވަނީ 5ޖީ ކަވަރޭޖް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމާއި، ޕީސް ކޭބަލް ވިއުގަ މެދުވެރިކޮށް ޔޫރަޕާއި ސިންގަޕޫރާ ރާއްޖެ ގުޅުވައިދީ، ގައުމީ ޓެލެކޮމް އިންފްރާސްޓްރަކްޗާ ވަރުގަދަކުރުމާއި، އެކިއެކި ދާއިރާތަކަށް އީޖާދީ ޚިދުމަތްތައް ތައާރަފްކުރުމަށް ކުރަމުންދާ މަސައްކަތަށް އަލި އަޅުވާލައިފައި ކަމަށެވެ.

މި އަހަރުގެ ވޯލްޑް ކަޕްގެ އޮފިޝަލް "އަލް ރިހްލާ" ރަސްމީކޮށް ތައާރަފްކުރިއިރު އެޑިޑާސްއިން ވަނީ މި ބޯޅައަކީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް އެންމެ ދުވެލި ބާރު ބޯޅަ ކަމުގައި ބުނެފަ އެވެ.

އަލް ރިހްލާ ބޯޅަ އުރީދޫން ރައިސަށް ވެދުމަށް އަރުވައިފައި ވަނީ ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް 2022 ގެ ދިވެހި ސަޕޯޓަރުންނަށް ހަނދާން ނައްތާނުލެވޭ ފަދަ ކުލަގަދަ، ފޯރިގަދަ ތަޖުރިބާތަކެއް ހޯދައިދިނުމަށް އުރީދޫއިން ދޭ އަހައްމިއްޔަތުކަމުގެ ރަމްޒެއްގެ ގޮތުންނެވެ. މީގެ އިތުރުން އުރީދޫއިން ވަނީ މި އަހަރުގެ އެންމެ އިންތިޒާރުކުރެ ވޭ މި ހަރަކާތުގެ ފޯރީގައި ބައިވެރިވެވަޑައިގެން ގަތަރުގައި މެޗެއް ބަލާލުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދައުވަތު އަރުވާފަ އެވެ.

ރައީސް ސޯލިހު އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު ޙަސަން އަލް ހަމާދީއާ މިއަދު ބައްދަލުކުރައްވަނީ. ފޮޓޯ: އުރީދޫ

"ފުޓްބޯޅައަކީ ވަކި އުމުރެއްގެ މީހަކަށް ބެލުމެއް ނެތި، ނުވަތަ ސަޕޯޓްކުރާ ޓީމަކަށް ބެލުމެއް ނެތި، މުޖުތަމައުގައި އެއްބައިވަންތަކަން އުއްފައްދާ ފޯރިގަދަ ކުޅިވަރެއް. ދިވެހިންގެ ހިތްތަކުގައި ޙައްސަ ލޯތްބެއް އުފެދިފައިވާ ކުޅިވަރެއް. އެހެންކަމުން ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ އޮފިޝަލް މިޑްލް އީސްޓް އަދި އެފްރިކާ ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރުގެ ހައިސިއްޔަތުން އުރީދޫ އިން ވަނީ 22 ވަނަ ވަރލްޑް ކަޕް މުބާރާތުގެ ފޯރިގަދަ ތަޖުރިބާއެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް މަގުފަހިކޮށްދިނުމުގައި އަޅުގަނޑުމެން ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން. އެގޮތުން މި ފުޓްބޯޅަ ސީޒަނުގައި ކަސްޓަމަރުންނަށް ވަރަށް ހާއްސް ފުރުސަތުތަކާއި ހަރަކާތްތައްވަނީ ރޭވިފައިވާކަން ވެސް ފާހަގަޮށްލަން،" ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވި އެވެ.

ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ އޮފިޝަލް މިޑްލް އީސްޓް އެންޑް އެފްރިކާ ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރުގެ ގޮތުގައި އިއުލާނުކުރީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

އުރީދޫ ގްރޫޕުން ފީފާ އަދި ވޯލްޑް ކަޕް 2022 އަށް ދޭ މި ވަރުގަދަ އެއްބާރުލުމާ އެއްގޮތްވާގޮތުގެ މަތިން، އުރީދޫ މޯލްޑިވްސް އިން ވެސް ރާއްޖޭގައި ތިބި ފުޓުބޯޅައަށް ލޯބިކުރާ ފަރާތްތަަކަށް ކުލަގަދަ އަދި އުފާވެރި ފުޓުބޯޅަ ފެސްޓިވަލެއް ތަޖުރިބާކުރުމުގެ މަގުފަހިކޮށްދިނުމަށް އުރީދޫއިން ވަނީ މަސައްކަތް ފަށައިފަ އެވެ.

ފީފާ ވޯލްޑް ކަޕް ގަތަރު 2022 - ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 21 ނޮވެމްބަރުން 18 ޑިސެމްބަރު އަށެވެ. މިއީ އަރަބި ދުނިޔޭގައި ބާއްވާ ފުރަތަމަ ފީފާ ވޯލްޑް ކަޕެވެ. އުރީދޫއަކީ ގަތަރުގައި ބޭއްވި ފީފާ ކްލަބް ވޯލްޑް ކަޕްގެ 2019 އަދި 2020 ވަނަ އަހަރުގެ ވެސް ގައުމީ ސަޕޯޓަރެކެވެ.