Advertisement

އަހަރުގެ ފުރަތަމަ ހަފްތާގައި 89 މިލިއަން ލިބުނުއިރު 219 މިލިއަން ހަރަދުކޮށްފި

FacebookTwitterWhatsAppTelegramViber

މި އަހަރުގެ ފުރަތަމަ ހަފްތާގައި ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި 87.8 މިލިއަން ރުފިޔާ ލިބުނުއިރު، 219 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ އާއްމުކުރި މި އަހަރުގެ ފުރަތަމަ ހަފްތާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ޓެކްސްގެ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަފްތާގައި ދައުލަތަށް ލިބިފައި ވަނީ 54.2 މިލިއަން ރުފިޔާ އެވެ. ޓެކްސް ނޫން ގޮތްގޮތުން 32.8 މިލިއަން ރުފިޔާ ލިބުނުއިރު، ހިލޭ އެހީގެ ގޮތުގައި އެއްވެސް މިންވަރެއް ލިބިފައެއް ނުވެ އެވެ.

މިދިޔަ 2019 ވަނަ އަހަރުގެ ފުރަތަމަ ހަފްތާގައި ދައުލަތަށް ލިބިފައި ވަނީ 234.7 މިލިއަން ރުފިޔާ އެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބުނު 152.8 މިލިއަން ރުފިޔާ، ޓެކްސް ނޫން ގޮތްގޮތުން ލިބުނު 93.3 މިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި ލިބުނު ދެ ލައްކަ ރުފިޔާ އެވެ.

މި އަހަރުގެ ފުރަތަމަ ހަފްތާގައި ދައުލަތުން ވަނީ 219.8 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އެގޮތުން، ދައުލަތް ހިންގުމަށް ނުވަތަ ރިކަރަންޓް ހަރަދުތަކަށް 137.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ކެޕިޓަލް ހަރަދުތަކަށް އެ މުއްދަތުގައި ހޭދަކޮށްފައި ވަނީ 82.3 މިލިއަން ރުފިޔާ އެވެ.

މިދިޔަ 2019 ވަނަ އަހަރުގެ ފުރަތަމަ ހަފްތާގައި ދައުލަތުން ޖުމްލަ ހަރަދުކޮށްފައި ވަނީ 81.4 މިލިއަން ރުފިޔާ އެވެ. އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި ހޭދަވި 79.8 މިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި ހޭދަވި 1.6 މިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ދައުލަތަށް ޖުމްލަ 23.8 ބިލިއަން ރުފިޔާ ލިބުނުއިރު، 27.5 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

މި ފެށުނު އަހަރަށް މަޖިލީހުން ފާސްކޮށްދީފައިވާ ބަޖެޓުގެ ޖުމްލަ އަކީ 37.9 ބިލިއަން ރުފިޔާ އެވެ. މީގެ ތެރެއިން 36 ބިލިއަން ރުފިޔާ އަކީ ހަރަދެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top