ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ "ބީއެމްއެލް ވައު ކިޑްޒް ރަން" ގެ މިއަހަރުގެ ދުވުން ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.

ހަތަރު އުމުރު ފުރާއެއްގެ 1،000 ކުދިންނާ އެކުދިންގެ ބެލެނިވެރިންނާއެކު މި ދުވުން ބޭއްވީ ހުކުރު ދުވަހު ހެނދުނު ހުޅުމާލޭގަ އެވެ.

ބީއެމްއެލްއިން ބުނީ ޓީއެފްޖީއާއެކު މި ދުވުން މިއަހަރު ވެސް ވަރަށް ފުރިހަމަ ގޮތެއްގައި ބޭއްވޭ ކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މިއީ ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަންނައިދިނުމުގެ ބޭނުމުގައި ބޭއްވި ޚާއްސަ ހަރަކާތެއް ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

މި ދުވުން ކުރިއަށް ގެންގޮސްފައި ވަނީ:

  • 4 އަހަރާއި 6 އަހަރާ ދެމެދު – 1.3 ކިލޯ މީޓަރު ދިގުމިނަށް ( ބެލެނިވެރިއަކާއެކު)
  • 6 އަހަރާއި 8 އަހަރާ ދެމެދު – 2 ކިލޯ މީޓަރު ދިގުމިނަށް ( ބެލެނިވެރިއަކާއެކު)
  • 8 އަހަރާއި 10 އަހަރާ ދެމެދު –3 ކިލޯ މީޓަރު ދިގުމިނަށް ( ބެލެނިވެރިއަކާއެކު)
  • 10 އަހަރާއި 13 އަހަރާ ދެމެދު 4 ކިލޯ މީޓަރު ދިގުމިނަށް

ދުވުމުގައި ބައިވެރިވެ ކޮންމެ ކުއްޖަކު ވެސް ދުވުން ނިންމި ވަގުތު ވަނީ މެޑަލް ދީފަ އެވެ. ބީއެމްއެލް ވާއު ކިޑްސް ރަންއަކީ ގިނަ އަދަދެއްގެ ކުޑަކުދިންގެ ތަރުހީބު ކޮންމެ އަހަރަކުވެސް ލިބޭ ދުވުމެކެވެ. މިއީ ބީއެމްއެލް އާއި ޓީއެފްޖީ ގުޅިގެން މި ދުވުން ބޭއްވި ފަސްވަނަ އަހަރެވެ.