ދަތުރުތައް މެދުކެނޑިތާ ދެ މަހެއްހާ ދުވަސް ފަހުން، ރަޝިއާގެ އެއިރޯ ފްލޮޓްގެ ދަތުރުތައް އަލުން ރާއްޖެއަށް މިއަދު ހެނދުނު ފަށައިފި އެވެ.

ރަޝިއާގެ ގައުމީ އެއާލައިން އެއިރޯ ފްލޮޓްގެ ދަތުރުތައް މެދުކަނޑާލީ އެ ގައުމުން ޔުކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން މިދިޔަ މާޗް 8ގަ އެވެ.

ކޮވިޑަށްފަހު ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު މާކެޓުން ޓޫރިސްޓުން އުފުލާ އެއިރޯ ފްލޮޓްގެ ދަތުރުތައް މެދުކަނޑާލުމާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް ވަނީ ހީނަރުކަން އައިސްފަ އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ އެއިރޯ ފްލޮޓްގެ ދަރުތައް އަލުން ފެށުމުގެ އައި ބޯޓު ޖެއްސީ މިއަދު ހެނދުނު 8:15 ގަ އެވެ. އެ އެއާލައިނުން ދުވާލަކު އެއް ދަތުރު މޮސްކޯ - މާލެ ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ފުރަތަމަ ފްލައިޓުން ވެސް 296 މީހަކު ރާއްޖެ އައިސްފައިވެ އެވެ.

ރަޝިއާގެ ގައުމީ އެއާލައިން އެއިރޯ ފްލޮޓްގެ ދަތުރުތައް މެދުކެނޑިފައި އޮތުމަށްފަހު އަލުން ފެށުމުގެ ގޮތުން އައި އެ އެއާލައިންގެ ބޯޓު ވީއައިއޭގައި. ފޮޓޯ: އެމްއޭސީއެލް

އެއިރޯ ފްލޮޓުން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރާނީ 300 ފަސިންޖަރުން އުފުލޭ އެއާބަސް އޭ330 މަރުކާގެ ބޯޓުތަކެވެ.

އެއިރޯފްލޮޓުގެ ބައިނަލްއަގުވާމީ ދަތުރުތަކެއް އަވަށްޓެރި ބެލަރުސް ފިޔަވައި، ހުރިހާ ގައުމަކަށް ހުއްޓާލަން އޭރު ނިންމީ ޔުކްރެއިންގެ ހަނގުރާމައާ ގުޅިގެން އެ ގައުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އެ އެއާލައިންގެ އޮޕަރޭޝަންތަކަށް ކުރިމަތިވި "ކަންތައްތަކެއްގެ" ސަބަބުން ކަމަށް ބުނެފައިވެ އެވެ.

ރަޝިއާގެ ގައުމީ އެއާލައިން އެއިރޯ ފްލޮޓްގެ ދަތުރުތައް މެދުކެނޑިފައި އޮތުމަށްފަހު އަލުން ފެށުމުގެ ގޮތުން އައި އެ އެއާލައިންގެ ބޯޓެެއް މިއަދު ހެނދުނު ވީއައިއޭއަށް ޖައްސަނީ. ފޮޓޯ: އެމްއޭސީއެލް

އެމެރިކާ އާއި ޔޫރަޕުން ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމާ ގުޅިގެން މަތިންދާބޯޓު އުފައްދާ އެމެރިކާގެ ބޯއިން އާއި ފްރާންސްގެ އެއާބަސް އިން ދެމުން އައި ހިދުމަތްތައް ވަނީ މެދުކަނޑާލައިފަ އެވެ. މިއާއެކު ރަޝިއާގެ މަތިންދާބޯޓުތައް މަރާމާތުކުރުމާއި ސްޕެއާ ލިބުން ހުއްޓި އެ ގައުމުގެ އެއާލައިންތަކަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހުނެވެ.