މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް މިންވަރު 65 ޕަސެންޓަށް އިތުރުވެ، މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް 38 މިލިއަން ރުފިޔާ ދައްކައިފި އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލުގެ ޒަކާތުގެ ގޮތުގައި ލިބުނު 23 މިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު 65 ޕަސެންޓް އިތުރު އަދަދެކެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޭޕްރީލް މަހު މުދަލުގެ ޒަކާތުގެ ގޮތުގައި ދައުލަތަށް 22 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލުގެ ޒަކާތުގެ ގޮތުގައި ލިބިފައިވާ 10 މިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު 122 ޕަސެންޓް އިތުރު އަދަދެކެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިއަހަރު މާޗުމަހު މުދަލު ޒަކާތުގެ ވާޖިބުވާ ނިސާބަށް ބަދަލު ގެނެސްފަ އެވެ.

އެގޮތުން މުދަލު ޒަކާތް ވާޖިބުވާ ނިސާބަކީ 7241.15ރ. ކަނޑައަޅާފައިވާ އިރު، މީގެ ކުރީން މިދިޔަ އަހަރު އޯގަސްޓު މަހު ކަނޑައަޅާފައިވާ ނިސާބުގެ އަދަދަކީ 6،878.20 ރ. އެވެ.

މިދިޔަ އަހަރު މުދަލު ޒަކާތުގެގޮތުގައި، ރެކޯޑު އަދަދަކަށް ފައިސާ ދައްކާފައިވެ އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 90 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 2020ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބުނު 60 މިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު، 48 ޕަސެންޓް އިތުރު އަދަދެކެވެ.

ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިސާބަށް ބަދަލު ގެންނަމުންދެ އެވެ. ރާއްޖޭގައި މުދަލުގެ ޒަކާތް ވާޖިބުވާ ނިސާބު ބަލަނީ ރިހީގެ އަގުންނެވެ. ނިސާބު ހަމަވާ އަދަދަށް އަތުގައި ނުވަތަ ބޭންކްގައި ފައިސާ ހުރި ނަމަ ހިޖުރީ ގޮތުން އަހަރެއް ވުމުން އޭގެ 2.5 ޕަސެންޓް މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެ އެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އެވެ.

މުދަލު ޒަކާތް މީގެ ކުރިން އިސްލާމިކް މިނިސްޓްރީއަށް ދައްކަމުންއައި ނަމަވެސް، 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަނީ މީރާ އަށެވެ. އެގޮތުން މީރާއަށް އޮންލައިކޮށް ވެސް މުދަލު ޒަކާތް ދެއްކޭނެ އެވެ. އަދި އެމީހަކު މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރު ވެސް މީރާ ވެބްސައިޓު މެދުވެރިކޮށް ބެލޭނެ އެވެ.