ދިއްލީ (14 މެއި) - އިންޑިއާގެ ބާޒާރުގައި ގޮދަނުގެ އަގު އިންތިހާއަށް ބޮޑުވެ، ބޭރު ގައުމުތަކަށް ގޮދަން އެކްސްޕޯޓްކުރުން އެ ގައުމުން މެދުކަނޑާލައިފި އެވެ.

ސަރުކާރުން މި ނިންމުން ނިންމާފައިވަނީ މިއަހަރު ރެކޯޑު އަދަދަކަށް ގޮދަން އެކްސްޕޯޓްކުރާނެ ކަމަށް ބުނިތާ ދެ ދުވަސް ފަހުންނެވެ.

މިއަދުން ފެށިގެން މި ބަދަލުތަކަށް އަމަލު ކުރަން ފެށި ނަމަވެސް މީގެ ކުރިން ފައިސާ ދައްކާފައިވާ އަދި ކްރެޑިޓް ސްކީމް ގައުމުތަކަށް އަދިވެސް އެކްސްޕޯޓް ކުރާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

އިންޑިއާގެ ސަރަހައްދުތަކަށް ހޫނުގަދަވުމުގެ ސަބަބުން ދަނޑުވެރިކަމަށް އަސަރުކޮށް، ގޮވާން ދަނޑުތަކަށް އަންނަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ.

މިކަމުގެ ސަބަބުން ގޮދަނާއި ގޮވާމުގެ އަގު ބޮޑުވެ، އިންފްލޭޝަން ރޭޓް މަތިވެފައިވާއިރު ޑިމާންޑާ އެއްވަރަށް ސަޕްލައި ނުކުރެވޭ ކަމަށް ދަނޑުވެރިން ބުނެ އެވެ.

އިންޑިއާއަކީ ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން ގޮދަން އެކްސްޕޯޓްކުރާ ގައުމަށް ވާއިރު، އެ ގައުމުގެ އެކްސްޕޯޓުތައް ހުއްޓާލުމަކީ ދުނިޔޭގެ ބާޒާރުގައި ވެސް ގޮދަނާއި ގޮވާމުގެ އަގުތަކަށް ބޮޑު ބަދަލެއް އަންނާނެ ކަމެކެވެ.