ތަފާތު އެކި ސަބަބުތަކާ ހުރެ އިންޑިއާއިން ގޮދަން އެކްސްޕޯޓު ކުރުން ކޮންޓްރޯލް ކުރި ނަމަވެސް، އެ ގައުމުން ރާއްޖެއަށް ގޮދަން ފުށް އެތެރެ ކުރުމުގައި އެއްވެސް ދައްޗެއް ކުރިމަތި ނުވާނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް ކޮމާސް އެންޑް އިންޑަސްޓްރީން، އެ ގައުމުން ގޮދަން އެކްސްޕޯޓު ކުރުން ކޮންޓްރޯލް ކުރީ އިއްޔެއިން ފެށިގެންނެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މިއުވާން މުހައްމަދު "ހުރިހާ"އަށް މިއަދު ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް ކުރާ އިމްޕޯޓުތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.

"އިންޑިއާއިން މިފަދަ ކޮންމެ ވަގުތަކު ވެސް ރާއްޖެއަށް ހާއްސަ އިސްކަމެއް ދޭނެ. އެގޮތުން މިފަހަރު ވެސް ރާއްޖެއަށް ބޭނުންވާ ގޮދަން ފުށް ދަތިތަކެއް ނެތި ލިބޭނެކަމުގެ ޔަގީންކަން އޮތީ ދީފައި،" އޭނާ ވިދާޅުވި އެވެ.

އެސްޓީއޯގެ މީޑިއާ އޮފިޝަލަކު ވެސް ވިދާޅުވީ އެއްވެސް ދަތިކަމެއް ނެތި ލިބޭނެ ކަމަށެވެ. އަދި ފުށް އެތެރެކުރަނީ ހަމައެކަނި އިންޑިއާއިން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު ވެސް އެއްވެސް ދަތިކަމެއް ނެތި އެސްޓީއޯއަށް ފުށް ލިބޭ. އަދި އިންޑިއާގެ އިތުރުން ތުރުކީން ވެސް ރާއްޖެއަށް ފުށް އެބަ ގެނޭ،" އެ އޮފިޝަލް ވިދާޅުވި އެވެ.